މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން އިއުލާނުކޮށްފައިވަނީ އެ މަޖިލީހަށް 9 މެމްބަރުން ހޮވުމަށެވެ.
އިސްތިއުނާފްގެ ފަނޑިޔާރު މަޖިލީހުގެ މެންބަރުންގެ ޝަރުޠަކީ، ޕާޓީގެ މެންބަރެއް ކަމުގައިވުން އަދި ޤައުމީ މަޖިލީހުގެ މެންބަރަކު ކަމުގައި ނުވުމެވެ. އިސްތިއުނާފްގެ ފަނޑިޔާރުން މަޖިލީހުގެ ރައީސްގެ ޝަރުޠަކީ، ޕާޓީގެ މެންބަރެއްކަމުގައި ވުމުގެ އިތުރުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާހުރި ޤާނޫނީ ވަކީލެއްކަމުގައިވުމާއެކު އުމުރުން 35 އަހަރު ވެފައިވާ މީހަކު ކަމުގައި ވުމެވެ.
އެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ފުރުސަތު 24 އޮގަސްޓްގެ މެންދުރު 02:00 އާ ހަމައަށް ހުޅުވާލާފައިވާއިރު ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ޕާޓީގެ ސެކްރެޓޭރިއެޓް މައި އޮފީހަށް ލިޔެކިޔުން ހުށަހަޅައިގެން ނުވަތަ ޕާޓީގެ އީމެއިލް [email protected] އަށް ލިޔެކިޔުން އީމެއިލް ކުރުމަށްވެސް އެދިފައިވެއެވެ. އެގޮތުން ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީއާއެކު އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެމީހެއްގެ ވަނަވަރު އެނގޭނޭ ލިޔުމަކާއި، ޤައުމީ މަޖިލީހުގެ 2 މެންބަރެއްގެ ތާއީދު އޮތްކަން އެނގޭނޭ ލިޔުން ހިމެނެއެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނެފައިވާގޮތުގައި ޕާޓީގެ އަސާސީ ގަވައިދުގެ އެއްވެސް ކަމަކާމެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފު ކުރަންބޭނުންވާ ހިނދު، މިފަދަ ޝަކުވާތަކަށް ނިންމުން ނިންމުމުގެ ވަޒީފާއާއި ޝަކުވާތަކުގެ އަޑުއެހުން ބޭއްވުމުގެ ވަޒީފާ އަދާކުރާނެ އިސްތިއުނާފުގެ ފަނޑިޔާރު، މަޖިލީހެއް ޕާޓީން ޤާއިމުކުރާނެކަމަށެވެ. އަދި އަސާސީ ގަވައިދު މާނަކުރުމާމެދު އުފެދޭ ހުރިހާ ދެބަސްވުންތަކަށް އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.