ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލިއާގެ ގޮއްވާލާނެ ކަމަށްބުނެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެމީހާ ދޫކޮށްލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެމީހާގެ ބަންދު މުއްދަތު މީގެ ކުރިން ތިން ފަހަރު ޖެހިއިރު، ފުލުހުން އޭނާ ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.
މުލިއާގެ ކައިރިއަށްގޮސް މުލިއާގެ ގޮއްވާލާނެކަމަށް ބުނި މައްސަލައިގައި އެ މީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 9 ވަނަ ދުވަހުއެވެ. މުލިއާގެ ކައިރިއަށް ދިޔަ ދެމީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާ ގުޅިގެން ދެމީހަކު ފުލުހުންގެ ހައްޔަރަށް ގެނައިރު އޭގެން އެކަކު ފުލުހުން ވަނީ ދޫކޮށްލާފައެވެ. ހައްޔަރުގައި ބެހެއްޓީ ބޮން އޮތްކަމަށް ބުނި މީހާއެވެ.
އެ މީހާ ގެންގުޅުނު ފޮށިގަނޑުގައި ގޮވާޒާތުގެ އެއްޗެއް ނެތްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.