Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ސައީދުގެ ވާހަކަތަކަށް ނިޒާރުގެެ ވަރުގަދަ ރައްދެއް

އައްޑޫ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަތަކަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ރައްދު ދެއްވައިފިއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އައްޑޫސިޓިގައި ކުރިއަށްދާކަމަށް ވިދާޅުވި 60 ޕްރޮޖެކްޓް ހޯދަން ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި 40 ބިލިއަންގެ ބަޖެޓުގައި އައްޑޫސިޓީއަށް ވައުދުވި ކަންކަމާއި އިންޑިއާއިން ނެގި ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ތަންފީޒުވާތަނެއް ނުފެންނަކަމަށެވެ.

"ރައްޔިތުންގެ އިތުބާރު މި ސަރުކާރަކަށް ނެތް." ސައީދުގެ ޓްވީޓްގައިވެއެވެ.

ސައީދުގެ ޓްވީޓަށް ރައްދު ދެއްވައި މޭޔަރު ނިޒާރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އައްޑޫގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތަކުގެ ނުވަތަ މަސައްކަތްތަކުގެ އަދަދު 70 އަށްވުރެއް އިތުރުވާނެ ކަމަށެވެ. އަދި ނިޒާރު ވަނީ ސައީދުއަށް އައްޑޫސިޓީ ކައުންސިލަށް ވަޑައިގަތުމަށްވެސް ދައުވަތު އަރުވާފައެވެ.

"އައްޑޫގައި ހިންގާ ޕްރޮޖެކްޓްތަކުގެ ތަފްސީލު ލިސްޓެއް ހިއްސާކުރާނަން. އަދި ޑީޓެއިލް ޕްރެޒެންޓޭޝަނެއް އަރުވާނަން." އަލީ ނިޒާރުގެ ޓްވީޓްގައިވެއެވެ.

ސައީދުގެ ވާހަކަތަކަށް ނިޒާރު ރައްދު ދެއްވާފައިވާއިރު ސައީދު ހިމެނޭގޮތަށް ޕީޕީއެމްގެ ޓީމެއް އަންނަނީ އައްޑޫސިޓީގައި ހަރަކާތްތެރިވަމުންނެވެ. އަދި އައްޑޫއިން ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.