Last Updated: June 30, 09:21
Tuesday, June 30, 2026
ވިޔަފާރި

ވަތަނިއްޔާ "އުރީދޫ" އަށް ރީބްރޭންޑްކޮށްފި

ރާއްޖޭގެ ދެވަނަ މުވާސަލާތީ ކުންފުނި ވަތަނިއްޔާ "އުރީދޫ"ގެ ނަމަށް ރީބްރޭންޑްކޮށްފި އެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޫރިދުގެ ނަމަށް ވަތަނިއްޔާ ރީބްރޭންޑްކޮށް އަންނަ އަހަރު އާ ގިނަ ހިދްމަތްތަކެއް ތައާރަފް ކުރާނެކަމަށް އެ ކުންފުނިންވަނީ ވައުދުވެފަ އެވެ.

ގަތަރު ޓެލެކޮމް (ކިއުޓެލް) އިން ވަތަނިއްޔާގެ 92 ޕަސެންޓް ހިއްސާގަނެ މެދު އިރުމަތީގެ ބައެއް ގައުމުތަކުގައި ވަތަނިއްޔާއިން އޮޕަރޭޝަންގެ ނަން މިއަހަރު ފެބްރުއަރީ މަހު ވަނީ އޫރިދޫއަށް ބަދަލުކޮށްފަ އެވެ.

އަރަބި ބަހުން "އަހަރެން ބޭނުން" މި މާނަ ދޭހަވާ "އުރީދޫ"ގެ ނަމަށް ބަދަލުކުރުމަށް ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އާ ލޯގޯގެ ފަރުދާ ކަހާލަދެއްވީ އުރީދޫ ގްރޫޕްގެ ސީއީއޯ ނަސީރު މަރާފިހު އާއި ރާއްޖޭގެ ސީއީއޯ ހާރޫނު ޝަހުލް ހަމީދު އާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް އެވެ.

ރޭގެ ރަސްމިއްޔާތުގައި އުރީދޫ ގްރޫޕްގެ ސީއީއޯ ވިދާޅުވީ އުރީދޫ ބްރޭންޑުގެ މައިގަނޑު އަމާޒަކީ ދިވެހިންނަށް އުރީދޫ ބްރޭންޑުގެ ވައުދު ކަމަށްވާ އިންސާނީ ތަރައްގީގެ ވައުދު ފުރިހަމަ ކޮށްދޭން މަސައްކަތްކުރުންކަމަށެވެ. އަދި އެކުންފުނިން މަސައްކަތް ކުރާނީ މޯބައިލް ޓެކްނޯލޮޖީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން ރަނގަޅުކޮށް ދިރިއުޅުން ބަދަލުކުރުވަނިވި ފައިދާތަކެއް ހިއްސާކުރަން ކަމަށެވެ.

މީގެ އަށް އަހަރު ކުރިން ރާއްޖޭގައި ހިދްމަތް ދޭންފެށި ވަތަނިއްޔާއިން ރާއްޖޭގެ މުވާސަލާތީ ހިދްމަތްތަކަށް ވަނީ ބޮޑެތި ހެޔޮ ބަދަލުތައް ގެނެސްފައެވެ. އެގޮތުން ކޯލް ރޭޓްތަކުގެ އަގު ހެޔޮކުރުމާއި، އާ ހިދްމަތްތައް ވަނީ ދިވެހިންނަށް ތައާރަފްކޮށްފައެވެ.

"އާ އުންމީދުތަކާ އެކު އުރީދޫ" އަށް ވަތަނިއްޔާ ރީބްރޭންޑް ކޮށްފައިވާ އިރު އެކުންފުނީގެ އިޝްތިހާރުތަކުން މިހާރު ފެންނަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ލިއޮނަލް މެސީގެ އެވެ، އޭނާ އަކީ އުރީދޫގެ އެމްބަސެޑަރެކެވެ.