ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
މިއީ ލީގުގައި މި ދެ ޓީމު ވެސް ކުޅުނު ދެވަނަ މެޗެވެ. އެގޮތުން ފުރަތަމަ މެޗުގައި ލިވަޕޫލް އިން ނޯވިޗްގެ މައްޗަށް 3-0 އިން ކުރި ހޯދިއިރު ސިޓީ ވަނީ ފުރަތަމަ މެޗުގައި ޓޮޓެންހަމް އަތުން 1-0 އިން ބަލިވެފައެވެ.
ލީގުގެ ދެވަނަ މެޗުން ލިވަޕޫލް މިއަދު މޮޅުވީ ބާންލީއާ ބައްދަލުކޮށް 2-0 އިންނެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 18 ވަނަ މިނެޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޖޯޓާ އެވެ. ޖޯޓާ މި ގޯލު ކާމިޔާބުކުރީ ސިމިކާސް ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ވެސް ލިވަޕޫލަށް ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާއިރު، އެޓީމުގެ ދެވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ.
ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސިޓީ މިރޭ މޮޅުވީ ނޯވިޗް ސިޓީއާ ބައްދަލުކޮށް 5-0 އިންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓްގައި ސިޓީން ލީޑު ނެގިއިރު މި ގޯލަކީ ނޯވިޗްގެ ގޯލްކީޕަރު ކްރުލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގެ 22 ވަނަ މިނެޓްގައި ޖެކް ގްރީލިޝް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
ސިޓީގެ ތިންވަނަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައ ލަޕޯޓް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. އަދި ސިޓީގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ރިޔާދް މަހްރޭޒް އެވެ.
ލީގުގައި އަންނަ ހަފްތާގައި ލިވަޕޫލް ނިިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. އަދި ސިޓީ ބައްދަލުކުރާނީ އާސެނަލްއާއެވެ.