ސްޕެނިޝް ލީގުގައި ރޭ މެމްފިސް ޑެޕާއިގެ ގޯލުން ބާސެލޯނާ އާއި އެތްލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މިއީ ލީގުގައި ބާސާ އިން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، ފުރަތަމަ މެޗުގައި އެޓީމުން ވަނީ 4-2 އިން ރެއާލް ސޮސިއެޑާޑްގެ މައްޗަށް ކުރި ހޯދާފައެވެ.
ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބިލްބާއޯ އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓްގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިނީގޯ މާޓިނޭޒް އެވެ.
މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ބާސާގެ މިޑްފީލްޑަރު ފްރެންކީ ޑިޔޮންގް ފޮނުވާލި ހަމަލާއެއް ވަނީ ބިލްބާއޯގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ. އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 75 ވަނަ މިނެޓްގައި ޑެޕާއި ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޑެޕާއި އަށް ވަނީ ބާސާ އަށް ލީޑު ނަގަން ވެސް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ރޭގެ މެޗުގެ ފަހު މިނެޓްގައި ބާސާގެ ޑިފެންޑަރު އެރިކް ގާސިއާ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. ގާސިއާ އަށް ރަތްކާޑު ދެއްކީ ބިލްބާއޯގެ އިނާކީ ވިލިއަމްސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ގެޓާފޭއާއެވެ.