ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަމައެކަނި އަމާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފްރޭމް ކުރުންކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަދި އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް ޓެގް ކުރައްވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިންސާފުގެ ބެރުޖަހަމުން" ވެރިކަމަށް ވަޑައިގަތް ރައީސް ސޯލިހްގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ފްރޭމްކޮށް ނުޙައްޤުން އަދަބުދިނުން ކަމަށެވެ.
"ކޮބައިތޯ ކޮރަޕްޝަންގެ މައްސަލަތައް ބެލިފައި؟" ޖަމީލްގެ ޓްވީޓްގައިވެއެވެ.
ޖަމީލް ތުހުމަތު ކުރެއްވި ގޮތުގައި ވެންޓިލޭޓަރު މައްސަލައާއި މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައަށް ރައީސް ސޯލިހްގެ ސީދާ ނުފޫޒު އެބައޮތެވެ. އަދި "އެ ލިސްޓް ވަރަށް ދިގު" ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
އިންސާފުގެ ބެރުޖަހަމުން ވެރިކަމަށް ވަޑައިގަތް @ibusolih ގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރ ފްރޭމްކޮށް ނުޙައްޤުން ޢަދަބުދިނުން.ކޮބައިތޯ ކޮރަޕްޝަންގެ މައްސަލަތައް ބެލިފައި؟ ވެންޓިލޭޓަރ އާއި މަޙްލޫފްގެ މައްސަލަ އަށް މަނިކުފާނުގެ ސީދާ ނުފޫޒް އެބައޮތް. އެލިސްޓް ވަރަށް ދިގު. pic.twitter.com/pUeTu2STuQ
— Mohamed Jameel Ahmed (@MJameelAhmed) August 22, 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގުކޮށް ބައެއް މައްސަލަތަކުގައި ދައުވާ އުފުލާ ޝަރީއަތް ކުރަމުން އަންނައިރު، މިވަގުތުވެސް އެމަނިކުފާނު ހުންނެވީ މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައެވެ.