Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ބީއެމްއެލްއިން 6 ރަށެއްގައި ހަރަކާތްތަކެއް

ބޭންކް އޮފް މޯލްޑިވްސް އިން ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ބީއެމްއެލްގެ ބްރާންޗްތަކުގެ މުވައްޒަފުން އިސްނަގައިގެން މުޖުތަމައަށް އެހީތެރިވުމަށް ހަރަކާތްތަކެއް ހިންގައިފިއެވެ.

މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ށ. ފުނަދޫ، ނ. މަނަދޫ، ފ. ނިލަންދޫ. ތ. ގުރައިދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީ ގައެވެ.

މިގޮތުން ކުރިޔަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި ށ. ފުނަދޫ ގެ ބަނދަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ހަޓް ވަނީ ތަރައްގީކޮށްފައެވެ. މިތަން ސާފުކޮށް ކުލަލުމުގެ އިތުރުން ކުޑަދޮރުތަކުގައި ބްލައިންޑްސް ވަނީ ހަރުކޮށްފައެވެ. ނ. މަނަދޫގެ އިރުމަތީ ފަރާތުގެ އަތިރިމަތީ ސަރަހައްދުގައި 25 ޖޯލި ބަހައްޓައި ރަށުގެ ކުޑަކުދިން ބޭނުންކުރުމަށް ހާއްސަކޮށް އުނދޯލި ވަނީ ހަރުކޮށްފައެވެ.

ފ. ނަލަންދޫ ބްރާންޗުގެ މުވައްޒަފުންވަނީ ނިލަންދޫ ބީޗް ސަރަހައްދު ތަރައްގީކޮށްފައެވެ. މިގޮތުން، މި ސަރަހައްދުގައި ހުރި ޖޯލިތައް ބަދަލުކޮށް، ޑަސްޓްބިން ބަހައްޓައި، މޫދަށްދާ ފަރާތްތަަކަށް ފެންވެރުމަށް ހާއްސަ ތަނެއް ގާއިމްކޮށް، ބާބަކިއު ސްޓޭންޑް ބަހައްޓައި، މި ސަރަހައްދުވަނީ އިތުރަށް ޒީނަތްތެރިކޮށްފައެވެ. އަދި ތ. ގުރައިދޫ ބްރާންޗް މުވައްޒަފުންވަނީ އެރަށުގެ ޔޫތް ސެންޓަރުގެ އެތެެރެ އާއި ބޭރު ފާރުގައި ކުލަލައި މި ސެންޓަރުގެ ހުރިހާ ލައިޓްތައް ބަދަލުކޮށްފައެވެ.

މީގެ އިތުރުން ގދ. ތިނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގެ މިއުޒިއަމް ޕާކްގައި ކުލަލައި އެތަން ޒީނަތްތެރިކޮށްފައެވެ.

އައްޑޫ ސިޓީ ހިތަދޫ ބްރާންޗުގެ މުވައްޒަފުންނާއި، ގަން ބްރާންޗުގެ މުވައްޒަފުންގެ އިތުރުން ބީއެމްއެލް ކޮންޓެކްޓް ސެންޓަރގެ މުވައްޒަފުން ގުޅިގެން ވަނީ 'ހަންކެޑަ' ޕިކްނިކް ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. މި ގޮތުން ސަރަހައްދު ސާފުކޮށް ޑަސްޓްބިން ބަހައްޓައި މި ސަރަހައްދު ފާހަގަ ކުރުމަށް ނަން ބޯޑު ބަހައްޓާފައިވެއެވެ.

ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ ލާބަ އާއި މަންފާއަށް ހިންގުނު ހަރަކާތްތަކެކެވެ. މިއަހަރުގެ މާރިޗު މަހުގައިވެސް ބޭންކުގެ މުވައްޒަފުންވަނީ މިފަދަ ހަރަކާތްތަކެއް ހިންގާފައެވެ.