Last Updated: April 27, 22:41
Saturday, April 27, 2024
ދީން

ހަލީފާ ހާރޫނަށް ހަދިޔާ ކުރެވުނު ފިނިފެންމާ

ޚަލީފާ ހާރޫނުއްރަޝީދަށް ރޫމީންގެ ރަސްގެފާނު ޝާލިމާން ފޮނުއްވި ފިނިފެންމާ ގަހެއްގެ ވާހަކަ ވާރިދުވެފައި ވެ އެވެ.
އެ މަނިކުފާނު މި ގަސް ޙަވާލު ކުރެއްވީ އެ މަނިކުފާނުގެ ބަގީޗާ ބަލަހައްޓާ މީހާ އާ އެވެ.

ޙަވާލު ކުރެއްވުމަށް ފަހު ވިދާޅުވީ ފަރުވާތެރިކަމާއެކު މި ގަސް އިންދުމަށް ފަހު، ފުރަތަމަ އަޅާ ފިނިފެންމާ އެ މަނިކުފާނަށް ގެނެސް ދެއްވުމަށެވެ. ބަގީޗާ ބަލަހައްޓާ މީހާ މި ގަސް ގެންގޮސް ފަރުވާތެރިކަމާއެކު ބަގީޗާގެ އެންމެ ރީތި ހިސާބުގައި އިންދި އެވެ.

ޖެހިގެން އައި ދުވަހު ކާޅެއް އައިސް މި ގަސް ކާލައިފި އެވެ. ތުރުތުރުއަޅާ ހާލު، ބަގީޗާ ބަލަހައްޓާ މީހާ މި ޚަބަރު ޚަލީފާ ހާރޫނުއްރަޝީދަށް އަރުވައިފި އެވެ. އެ މަނިކުފާނު ބަގީޗާ ބަލަހައްޓާ މީހާ ކައިރީ ވިދާޅުވީ ކަންބޮޑު ނުވުމަށެވެ. އެކަމުގެ ސަބަބުން ކާޅަށް ލިބޭނެ އަދަބަކީ ގަހުގެ އަޖަލު ކާޅަށް ވެސް މެދުވެރިވުމެވެ.

މަދު ދުވަސްތަކެއްގެ ފަހުން ހަރުފައެއް އައިސް ކާޅު މަރާލައިފި އެވެ. ބަގީޗާ ބަލަހައްޓާ މީހާ މި ޚަބަރު ގެންގޮސް ޚަލީފާ އަށް އަރުވައިފި އެވެ. މިއަޑު އައްސަވާފައި އެ މަނިކުފާނު އަނެއްކާ ވެސް ވިދާޅުވި އެވެ. ހަރުފައިގެ އަޖަލަކަށް ވާނީ ވެސް ހަމަ ކާޅަށް ދިމާވި ގޮތެވެ.

އަނެއް ދުވަހު ބަގީޗާ ބަލަހައްޓާ މީހާ ބަގީޗާތެރޭ މަސައްކަތް ކުރަނިކޮށް ހަރުފަ ފެނުނެވެ. ހަރުފަ ފެނުމުން އޭނާ އެ ތަނުން ކޯރާޑިއެއް ނަގައި ހަރުފައިގެ ގައިގާ ޖަހުމުން އޭތި މަރުވެއްޖެއެވެ. މި ފަހަރު ވެސް ޚަލީފާ ވިދާޅުވީ އޭނާގެ އަޖަލަކަށް ވާނީ ވެސް ހަރުފަ އަށް ދިމާވިގޮތް ކަމެވެ.

ދުވަސްކޮޅެއް ފަހުން ބަގީޗާ ބަލަހައްޓާ މީހާއަށް ކޮންމެވެސް ކުށެއް ކުރެވިގެން ޖަލައް ލެވުނެވެ. ޖަލުގައި ބެހެއްޓުމަށް ފަހު އެކުށުގެ އަދަބެއްގެ ގޮތުން ކަނޑައެޅިފައި ވަނީ އޭނާ ދަންޖެއްސުމަށެވެ.
ދަންޖެއްސުމަށް ހަމަޖެހިފައިވާ ދުވަހު، އޭނާ ޚަލީފާ ހާރޫނުއްރަޝީދާ ބަދަލުކޮށް ދެއްވުމަށް އެދުނެވެ.

ބައްދަލުވުމުން އޭނާ ޚަލީފާ އަށް ހަނދުމަކޮށް އެރުވީ ގަހަށް ދިމާވި ގޮތާއި، ކާޅުގެ އަޖަލު ނިމިގެން ދިޔަ ގޮތާއި، އަދި ހަރުފައަށް ދިމާވި ގޮތެވެ.
އެހެންކަމުން އެމަނިކުފާނު ވެސް އެފަދަ އަޖަލެއް ޖެހިވަޑައިގަތުމަށް ބޭނުންފުޅު ނޫން ނަމަ އޭނާ އަށް މަޢާފްކޮށް ދެއްވުމަށެވެ.

(ނޯޓް: މިއީ މީދޫ.ކޮމްގައި އަހުމަދު ނާސިހު ލިޔުއްވާފައިވާ އާޓިކަލެކެވެ.)