Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ލުކާކޫގެ ގޯލާއެކު ޗެލްސީން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރޮމެލޫ ލުކާކޫގެ ގޯލާ އެކު ޗެލްސީން 2-0 އިން އާސެނަލް ބަލިކޮށްފިއެވެ.

މިއީ ލީގުގައި ޗެލްސީން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، ފުރަތަމަ މެޗުގައި އެޓީމުން ވަނީ ކްރިސްޓަލް ޕެލެސްގެ މައްޗަށް 3-0 އިން ކުރި ހޯދާފައެވެ. އާސެނަލް ކުޅުނު ފުރަތަމަ މެޗުން އެޓީމުން ވަނީ ލީގަށް އަލަށް ޕްރޮމޯޓްވި ބްރެންޑްފޯޑް އަތުން 2-0 އިން ބަލިވެފައެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 15 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ރީސް ޖޭމްސް ދިން ޕާހަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ލުކާކޫ އެވެ. ލުކާކޫ އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އިންޓަމިލާނުން 98 މިލިއަން ޕައުންޑުގެ އަގަކަށް ޗެލްސީ އަށް ގެނައި ކުޅުންތެރިއެކެވެ.

މި ގޯލަށްފަހު ވެސް ޗެލްސީން ދިޔައީ އާސެނަލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މައުންޓް ދިން ޕާހަކުން މެޗުގެ 35 ވަނަ މިނެޓްގައި ޖޭމްސް ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު ދެވަނަ ހާފްގައި ޗެލްސީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ލުކާކޫ އާއި ހަވެޓްޒް ފޮނުވާލި ހަމަލާތައް ދިފާއުކުރީ އާސެނަލްގެ ގޯލްކީޕަރު ބާޑް ލެނޯ އެވެ.

ދެވަނަ ހާފްގައި އާސެނަލްގެ ޑިފެންޑަރު ހޯލްޑިން އަށް ނަތީޖާގެ ފަރަގު ކުޑަކޮށްލަން މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ޕްރިމިއާ ލީގުގައި އަންނަ ހަފްތާގައި ޗެލްސީ ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ. އަދި އާސެނަލް ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއެވެ.