އއ. ވެލިފިނޮޅުގެ ފަޅު ހިއްކާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނެވެ. މިމައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމަށް ފާސްކޮށްފައިވަނީ 31 މެމްބަރުންގެ ވޯޓުންނެވެ.
ޝިޔާން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރަސްދޫ މަޑިވަރު ސަރަހައްދުގައި ގިނަ ބާވަތްތަކެއްގެ ކަނޑުގެ ދިރުން ލިބިގެންވާތީ އީޕީއޭ އިން 2018 ވަނަ އަހަރު ހިމާޔަތް ކުރެވިފައިވާ ސަރަހައްދެކެވެ. މި ސަރަހައްދު ނެތިފަނާވެގެންދާގޮތަށް ވެލިފިނޮޅު ހިއްކަމުންގެންދާތީ އެކަން ހުއްޓުވުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވާލައި މިމައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުން އެދި މަޖިލީހަށް މައްސަލަ ހުށަހަޅާކަމަށެވެ.
މައްސަލައިގައި އިތުރަށް ބުނެފައިވަނީ ވެލި ފިނޮޅު ނަމުގައި ވެލިގަނޑު ރިޒޯޓުން ބޮޑު ކުރަމުންމިދާ ފަސްގަނޑު މިހާރު ތަރައްޤީކުރަމުން އެދަނީ އެބޭފުޅުންގެ ބައުންޑަރީއިން ބޭރުން ކަމަށް ދާއިރާގެ ރައްޔިތުން ގަބޫލުކުރާކަމަށެވެ.
"ވެލި ފިނޮޅު ބޮޑު ކުރުމަށް ވެލި ނެގުމަށް ހިލަ ބާރޖެއް ކައިރިކުރުމަށް ވަގުތީ ވެލި ބެޑެއް ޖެހުމުގެ ސަބަބުން އެއިގެ ސެޑިމެނަޓޭޝަން ފެތުރި ސަރަހައްދުގެ މުރަކަތަކުގެ ދިރުމަށް އަސަރުކޮށްފައި ވުމާއި އެ ސަރަހައްދުގެ ކަހަނބު ޕޮއިޓާއި ހަމަހެޑް ޝާރކް ޕޮއިންޓު ކިލަނބުވެ އެ ނުފެންނާތީ އެޝަކުވާވެސް ލިބެމުން ދެއެވެ." ޝީޔާންގެ މައްސަލައިގައި ބުނެފައިވެއެވެ.
އިތުރަށް މި މައްސަލައިގައި ޝިޔާން ބުނެފައިވަނީ ވެލިގަނޑު ރިޒޯޓު މެނޭޖުމަންޓުން ހިމާޔަތް ކުރެވިފައިވާ މިސަރަހައްދާއި ކައިރިން ފަސް ނަގައި ހިއްކުމުގެ ސަބަބުން ޒަމާނުއްސުރެ މިސަރަހައްދުގައި އޮންނަ “ކަނޑީފިނޮޅު” މިހާރު ނެތިގޮސްފައިވާކަމަށެވެ. އީޕީއޭ އިން ހިމާޔަތް ކޮށްފައިވާ ސަރަހައްދަކާއި ކައިރިން މި ފަދަ ގޮތަކަށް ތިމާވެއްޓައް ނުހަނު ގެއްލުންވާ ގޮތަކަށް އަމަލުކޮށް ފައިވާތީ، މިކަމަކީ މުޅި ސަރަހައްދުގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަކަށް ފެންނަކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.