Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރުން އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދަނީ

ބަރުލަމާނީ ނިޒާމު ގެންނަން ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަންގައި ސޮއި ކުރުން އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕެޓިޝަންގައި ސޮއިކުރުން އެމްޑީޕީ ހަރުގޭގައި މިއަދުން ފެށިގެން ކުރިއަށްގެންދާނެއެވެ. އެމްޑީޕީ ހަރުގޭގައި ބަރުލަމާނީ ޕެޓިޝަނަށް ސޮއިކުރުން ކުރިއަށް ގެންދާނީ މެންދުރު 02:00 އިން ރޭގަނޑު 08:00 އަށެވެ.

މި ޕެޓިޝަންގައި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި ސަރުކާރު އެކި މަގާމުތަކުގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އަންނަނީ ސޮއި ކުރަމުންނެވެ.

މިފަހުން ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ތާއީދު ކުރައްވާނީ "ބަރުލަމާނީ ނިޒާމަށް" ތާއީދުކުރާ ފަރާތްތަކަށް ކަމަށްވެސް ވިދާޅުވެފައެވެ.

މި ޕެޓިޝަނަކީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯގައި، ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ވެފައިވާ ވައުދު ފުއްދުމަށް ބާރުއެޅުމަށް ރައީސަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެކެވެ.

މާލޭގެ އިތުރުން މި ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން އަތޮޅުތެރޭގައި ވެސް ހަމަޖެއްސުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މިފަދަ ޕެޓިޝަނެއް ތައްޔާރުކުރަން ފެށިއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އަންނަ އަހަރު ދިޔުން މުހިއްމު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ރައީސް ސޯލިހަށް މެސެޖެއް ފޮނުއްވާފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.