ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދައުވާ ކުރަނީ ފްރޭމް ކޮށްގެންކަމަށް އޭނާގެ ވަކީލުން ތުހުމަތުކޮށްފިއެވެ.
އަލީ ވަހީދުގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލީ ވަހީދު ވަޒީރު ކަމުގައި ހުންނަވަނިކޮށް ކުށެއްގެ ތުހުމަތު ކުރުމަށް ފަހު ވަޒީރު ކަމުން ވަކި ކުރެއްވީ ކުރެވުނު ތުހަމަތު ތަހުގީގު ނުކޮށް އަދި ޖަވާބުދާރީވުމަށް ފުރުސަތު ނުދެއްވާކަމަށެވެ.
އަދި ތަހުގީގުގައި އެއްވެސް ކުށެއްގެ ތުހުމަތު ސާފުކޮށްދީފައި ނުވާކަމަށާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އުފުލި އެއްވެސް ދައުވާއަކާ ގުޅޭގޮތުން ތަހުގީގު މަރުހަލާގައި ސުވާލުކޮށްފައި ނުވާކަމަށާއި، ތުހުމަތު އުފުލިފައިވާ ދައުވާއެއް ސާބިތުވާނެ އެއްވެސް އުންސުރެއް ނެތި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ދައުވާ ކޮށްފައިވާކަމަށް ވަކީލުން ބުނެފައިވެއެވެ.
މީގެ އިތުރުން އަލީ ވަހީދުގެ ވަކީލުން ބުނެފައިވަނީ މައްސަލަބަލާ ފަނޑިޔާރަށް ބިރުދެއްކުމުގެ ގޮތުން ޖޭއެސްސީއަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އަލީ ވަހީދުގެ ވަކީލުން ތުހުމަތު ކޮށްފައިވާގޮތުން ޕީޖީ އޮފީހުން ވަނީ ކޯޓުތަކަށާއި މީޑިއާތަކަށް ދޮގު މައުލޫމާތުދީ މި މައްސަލަ އޮޅުވާލާފައެވެ.
ވަކީލުން ބުނެފައިވަނީ އަލީ ވަހީދުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާ ޝަރީއަތުގެ މަރުހަލާ ތަކުގައި އަމަލު ކޮށްފައި ވަނީ ބޭއިންސާފާއި އަނިޔާވެރިކަން އިސްކޮށްގެން ފްރޭމް ކޮށްގެންކަމަށެވެ.
އަލީ ވަހީދުގެ ވަކީލުން މިފަދަ ބަޔާނެއް ނެރެފައިވާއިރު ސުޕްރީމް ކޯޓުގެ ޝަރީއަތަށް ހާޒިރުނުވުމުން އެ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ އަލީ ވަހީދުގެ މައްޗަށް ވަނީ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ