ޓޫރިޒަމް ދުވަސް އައްޑޫސިޓީގައި ފާހަގަކުރި ނަމަވެސް އައްޑޫ ރައްޔިތުންގެ ވޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުލިބޭނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރިފް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ފަރާތުން އައްޑޫސިޓީއަށް އެންމެ ފަހުން ކުރި ދަތުރުގައި، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި އެއްކަމަކަށް ފެނުނީ ކައިރީގައި ހުރި ރަށްރަށުން އެ ރައްޔިތުންނަށް އާމްދަނީއެއް ލިބޭނޭ ގޮތެއް ވުންކަމަށެވެ.
"ކައިރީގައި ހަދާފައިހުރި ރިސޯޓްތައް ހިންގޭނެގޮތެއް ވުން، [އައްޑޫ] ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލުގައި، ޒުވާނުންތިބީ ވަޒީފާތައް ގެއްލިފައި." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންކަން ބެލުމެއްނެތި، އެތަނުގައި ޓޫރިޒަމް ޑޭ ފާހަގަކުރިނަމަވެސް އައްޑޫ ރައްޔިތުންގެ ފަރާތުން ރައިސް ސޯލިހަށް ލިބޭނެ ވޯޓެއް ނޯންނާނެކަމަށެވެ. ރައްޔިތުން ތިބީ މިސަރުކާރު ދެކެ އިންތިހާއަށް މާޔޫސްވެފައިކަމަށާއި، މިސަރުކާރުން އެއްވެސް ނަތީޖާއެއް ނުނެރެވޭނެކަން ރައްޔިތުންނަށް އެނގޭކަމަށް އާދަމް ޝަރިފް ވިދާޅުވިއެވެ.
މިއަހަރު ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވަނީ އައްޑޫސިޓީގައެވެ. އެގޮތުން ސެޕްޓެމްބަރު 27 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު 4 ވަނަ ދުވަހާ ހަމައަށް އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. ބައިނަލްއަޤްވާމީ ފެންވަރެއްގައި ޓޫރިޒަމް ދުވަސް ފާހަގަކުރަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުއެވެ.