މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުން ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކޮށްފިއެވެ.
ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ހަރުގޭގައި މިހާރު ކުރިއަށްދަމުން އަންނައިރު ޕެޓިޝަނަށް ސޮއިކުރުން ކުރިއަށް ގެންދާނީ މެންދުރު 02:00 އިން ރޭގަނޑު 08:00 އަށެވެ.
މިހާތަނަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރެއިން މި ޕެޓިޝަންގައި ސޮއި ކުރި މެމްބަރުންނަކީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ވިލިފުށީ ދާއިރާގެ މެންބަރު ހުސައިން އަފީފް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ.
މިފަހުން ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ތާއީދު ކުރައްވާނީ "ބަރުލަމާނީ ނިޒާމަށް" ތާއީދުކުރާ ފަރާތްތަކަށް ކަމަށްވެސް ވިދާޅުވެފައެވެ.
މި ޕެޓިޝަނަކީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯގައި، ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ވެފައިވާ ވައުދު ފުއްދުމަށް ބާރުއެޅުމަށް ރައީސަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެކެވެ.
މާލޭގެ އިތުރުން މި ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން އަތޮޅުތެރޭގައި ވެސް ހަމަޖެއްސުމަށް އަންނަނީ ތައްޔާރުވަމުންނެވެ.