ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭނެ ކަމަށް ސޯޝަލްމީޑީއާގައި ބުނި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ ރ. މީދޫއިން ކަމަށެވެ.
އެމީހާ ރައީސް ނަޝީދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓަކަށް ކޮމެންޓްކޮށް ބުނެފައިވަނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ "ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެ" ކަމަށެވެ.
މޭ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިނގިރޭސިވިލާތުގައި މިވަގުތު ރައިސް ނަޝީދު އަންނަވަނީ އިތުރު ފަރުވާ ހޯއްދަވަމުންނެވެ.
ރައީސް ނަޝީދު މިފަހުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައެވެ. އެ ފަރާތްތަކުގެ ތަހުގީގުނިމި އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިއުމަކީ އާއިލާއާއި ހެޔޮއެދޭ ފަރާތްތައް އަދި ހުދު އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވާ ރާއްޖެއިން ބޭރުގައި އުޅުމަށް "ހިތްހަލާސް" ކޮށްދިނުމަށް އެފުރުސަތު ފަހިކޮށްދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަވާއިރު ދައުލަތަށް ހިދުމަތް ކުރުމުގައި މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.