ޕަބްލިޝްކޮށްފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ ނޯންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
މަބްރޫކް މިފަދައިން ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް ޕެޓިޝަނެއްގައި ސޮއިކުރުމަށް ފަށާފައިވާއިރު އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމާ ގުޅިގެންނެވެ.
އެގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ އެވާހަކައަށް ދޭން އޮތް ޖަވާބަކީ މީގެ ކުރިންވެސް ރައީސް ދެއްވި ޖަވާބު ކަމަށާއި، އެއީ އެކަމަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން މީގެ ކުރިން ނިންމިފައި އޮތްކަމަކަށް ވުމުން ދެން ވެސް އެކަން ނިންމޭނީ އެގޮތަށް ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.
މިހާރު އަމަލުކުރަމުން އަންނަ ނުވަތަ ޕަބްލިޝްކޮށްފައިވާ މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ ނެތްކަމަށް މަބްރޫކް ވިދާޅުވިއެވެ.
"މިހާރު އަމަލުކުރަމުން އަންނަ ނުވަތަ ޕަބްލިޝް ކުރެވިފައި އެ އޮތީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެއް. އެ މެނިފެސްޓޯއަކު ނޯވޭ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކައެއް." މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ކޯލިޝަން ޕާޓީތަކުގެ މެނިފެސްޓޯގައި އޮންނާނީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތަކެއްގެ ވާހަކަކަމަށާއި، އެގޮތުން ކޮރަޕްޝަންގެ މައްސަލަތަކާއި އެފަދަ ކަންކަމުގައި އަމަލުކުރާނެގޮތުގެ އިސްލާހު އޮންނާނެކަމަށެވެ.
ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަމުން އަންނައިރު އެ ޕެޓިޝަންގައި ސޮއި ކުރަމުން އަންނަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯގައި، ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ވެފައިވާ ވައުދު ފުއްދުމަށް ބާރުއެޅުމަށް ރައީސަށް ދެންނެވުމަށެވެ.