Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

ހިމާޔަށް ދިނުމުގައި ދައުލަތުން އިހުމާލުވާކަމަށް ނުދެކެން: ޤާސިމް

ޤާސިމް އިބްރާހިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުން ހިމާޔަތް ދޭންޖެހޭ ފަރާތްތަކަށް ހިމާޔަތް ދިނުމުގައި އިހުމާލުވާކަމަށް ނުދެކޭކަކަމަށް މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ޤާސިމް ވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

އެގޮތުން ޤާސިމް ވިދާޅުވީ، އަބަދުވެސް އިދިކޮޅުގައި އޮންނަފަރާތްތަކުން ސަރުކާރަކަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ދައްކާނެކަމަށާއި، އަދި ރަނގަަޅަށް ކަމެއް ނުކުރެވޭކަން ދެއްކުމަށްވެސް ވާހަކަދައްކާނެކަމަށެވެ. އަދި އެއީ އާ ކަމެއް ނޫންކަމަށާއި، ހައިރާންވާންޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރައީސް ނަޝީދަކީ ދައުލަތުން ވަރަށް މަތީދަރަޖައަކަށް އިނާޔަތްތަކެއް ދެއްވާ ފަރާތެއްކަމަށާއި، އަދި އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ. އަދި އޭގެފަހުން އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށާއި، އަދި އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނަވާއިރުވެސް ސެކިއުރިޓީ ފޯރުކޮށްދެމުން އަންނަކަމަށް ޤާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލެއް ނުކުރަން ސަރުކާރުން ހިމާޔަތް ދޭންޖެހޭ ފަރާތްތަކަށް ހިމާޔަތް ނުދެވިގެން އިހުމާލެއްވާކަމަކަށް." ޤާސިމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީއާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާ އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ. އަދި އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން އިންކުއަރީ ރިޕޯޓެއް އެކުލަވާލާ ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ސަރުކާރަށް ހުށަހަޅާފައިވެއެވެ.