Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމުގެ ބިލުގެ ބަހުސް ފަށައިފި

މެމްބަރު ހިސާން ހުސައިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރަން ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.

ޤާނޫނުލްއުޤޫބާތުގެ ގާނޫނުން އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ)އަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން، އިސްލާމްދީނަށް ފުރުސާރަ ކުރުމަކީ ކުށެއް ކަމަށެވެ.

އެ މާއްދާގައި މިހާރު ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ކުށެއް ކަމަށެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ ދީނަށް ކުޑައިމީސްވާގޮތަކާއި ދީނީ ޝިއާރުތަކާއި ދީނީ ތަސައްވަރުތަކަށް އިހާނެތިކޮށް ވާހަކަ ދެއްކުމަކީ ޤާނޫނުއަސާސީ ތަންދޭ ކަމެއް ނޫންކަމަށެވެ.

މި ބިލު ސަރުކާރުން ހުށަހަޅާފައިވަނީ ނަފުރަތުގެ އަމަލުގެ ކުށް ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް އިސްލާހު ހުށަހަޅައި އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.