ނަފުރަތުގެ ބިލު އަދި ދީނަށް ފުރައްސާރަކުރުން ހުއްޓުވުމުގެ ބިލުގެ ބޭނުމަކީވެސް ދީނުގެ އުސޫލުތައް ނެގެހެއްޓުންކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ހިސާން މިފަދައިން ވިދާޅުވެފައިވަނީ ދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅުއްވި ބިލަށް ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހިސާން ހުށަހެޅުއްވިއިރު ނަފުރަތުގެ އަމަލު ކުށަކަށް ހެދުމުގެ އިސްލާހުވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހިސާނެވެ. އަދި އެކަމާ ގުޅިގެން ހިސާނަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވިއެވެ.
މިއަދުގެ މަޖިލީހުގައި ވާހަކަ ދައްވަމުން ހިސާން ވިދާޅުވީ މަދުންނަމަވެސް ދީނަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމާއި ދީނީ ޝިއާރުތަކަށް އިހާނެތިވާގޮތަށް ވާހަކަ ދެއްކެވުމަކީ މި މުޖުތަމައުއިން މިއަދު ފެންނަމުން އަންނަކަމެއްކަމަށެވެ. އަދި މިކަމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތައް ތަންދޭކަމެއް ނޫންކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ވަކި މީހަކީ ކާފަރެއްކަމަށް ލޭބަލްކޮށް އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެފަދަ ވާހަކަ ދެއްކުން ކުށަކަށް ހެދުމަށް މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅި ކަމަށާއި، އޭގެ ބޭނުމަކީ އެފަދަ ކަންކަމުން އުފެދޭ ފިތުނަތަކުން ދުރުވެ ދީނީ އެއްބައިވަންތަ ކަމަށް ލޮޅުން އަރާފަދަ ކަންކަން ނުކުރުން ކަމަށެވެ.
"އެބިލުގެ މަގުސަދާއި މި ބިލުގެ މަގުސަދަކީވެސް އިސްލާމް ދީނުގައި އެފަދަ ކަންކަމުގައި ކަނޑައަޅާފައި ހުރި ހަރުދަނާ އުސޫލުތައް ނެގެހެއްޓުން." ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އިސްލާމް ދީނަށް ޖޯކު ޖަހައި އެއްވެސް ސިފައެއްގައި ވާހަކަ ދެއްކުމަކީ އިސްލާމީ މުޖުތަމައުގައި ކުށަކަށް ވާން ޖެހޭނެ ކަމެއް ކަމަށާއި، އެކަމަކު އެކަން ކުރަން ވާނެ ހަމަތަކާއި އިތުރު ފިތުނައަށް ފުރުސަތު ނުދިނުމަށް ޓަކައި ގާނޫނުގައި އެކަންކަން ހިނގަންވާނެ ގޮތް ލިޔެވެން ޖެހޭ ކަމަށެވެ.