Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

އިސްލާމީ އަސާސްތައް ނެގެހެއްޓުމުގައި ދެމި ތިބޭނަން: އިންތި

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިސްލާމީ އަސާސްތައް ނެގެހެއްޓުމުގައި ދެމި ތިބޭނެކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅުއްވި ބިލަށް ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރާއްޖޭގެ ހުރިހާ އިދާރާއަކުންވެސް އިސްލާމްދީނުގެ އަސާސްތައް ނެގެހެއްޓުމަށް މަސައްކަތް ކުރާކަމަށެވެ.

"އަޅުގަނޑުމެންގެ ހަމަ ހުރިހާ މުއައްސަސާތަކެއް މަސައްކަތް ކުރަންޖެހޭނީ އިސްލާމްދީނުގެ އަސާސްތައް ނެގެހެއްޓުމަށް. އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބު ކަމެއްއެއީ. އަޅުގަނޑުމެން އެކަން ކުރުމުގަ ދެމިތިބޭނަން." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ދީނުގެ އަސާސްތައް ނަގަހައްޓާނެ ކަމާމެދު ޝައްކު ކުރުމުގެ ފުރުސަތު ނޯންނާނެކަމަށެވެ. ރާއްޖޭގެ ފަސްގަނޑުގައި ހުރެގެން އިސްލާމްދީނުގެ ނަމުގައި މީހުންނަށް މަރުގެ އިންޒާރުދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި، ލާދީނީ ޓެގު އަޅުވައި މީހުން ގަތުލުކުރާ ކުރުން ވަރިހަމަކުރެވިގެން ނުވާނެ ކަމަށް އިންތި ވިދާޅުވިއެވެ.