ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭނެ ކަމަށް ސޯޝަލްމީޑީއާގައި ބުނި މީހާ ކޯޓުގެ ހުރުމަތް ކެނޑުމުން ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރ. މީދޫ އިންނެވެ.
އޭނާގެ ބަންދު މުއްދަތު ޖެހުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާ ކުރި އަމަލެއްގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑީކަމަށް ނިންމާ 15 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި އޭނާގެ ބަންދަށްވެސް އިތުރު 15 ދުވަސް ދީފައިވެއެވެ.
އެމީހާ ރައީސް ނަޝީދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓަކަށް ކޮމެންޓްކޮށް ބުނެފައިވަނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ "ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެ" ކަމަށެވެ.
މޭ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިނގިރޭސިވިލާތުގައި މިވަގުތު ރައިސް ނަޝީދު އަންނަނީ އިތުރު ފަރުވާ ހޯއްދަވަމުންނެވެ.
ރައީސް ނަޝީދު މިފަހުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައެވެ. އެ ފަރާތްތަކުގެ ތަހުގީގުނިމި އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިއުމަކީ އާއިލާއާއި ހެޔޮއެދޭ ފަރާތްތައް އަދި ހުދު އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.