ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިނުގަންނަވަންވީ ސަބަބެއް ނެތްކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެމްބަރު އިކްރާމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅުއްވި ބިލަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ނަޝީދަށް ކުރިއަށްވުރެއް ބޮޑަށް މިއަދު ސެކިއުރިޓީ ލިބޭނެކަމަށާއި، އަދި މަޖިލީހުގެ ސެކިއުރިޓީވެސް މިއަދު އިތުރު ކަމަށެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ އިތުރު ކުރަން ބޭނުންފުޅުވާނަމަ އެކަން ކުރުމުގެ ފުރުސަތުވެސް އެބަ އޮތްކަމަށާއި، ރައީސް ސޯލިހް ކަންކަން އަޑުއައްސަވާ އަމަލުކުރައްވާ ކަމަށް އިކްރާމް ވިދާޅުވިއެވެ.
"އެހެންމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ނާދެވޭނެ މާހައުލެއް ނެތް. ރައީސް ނަޝީދަށް ވަޑައިގެންނެވޭނެ. ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް."
އިކްރާމް ވިދާޅުވީ ރައީސް ނަޝިދު ރާއްޖެ ވަޑައިގެން ހުރިހާ ބޭފުޅުންނާ އެކު މަސައްކަތް ކުރައްވައިގެން ކަންކަން އިސްލާހުކޮށް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަންޖެހޭކަމަށެވެ. އަދި އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަތަން ބަލަން ބޭނުންވާކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝިދު ވަނި ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށި ދުވަހު މަޖިލީހަށް ސީޓީއެއް ފޮނުވާފައެވެ. އެގޮތުން ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައެވެ. އެ ފަރާތްތަކުގެ ތަހުގީގުނިމި އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިއުމަކީ އާއިލާއާއި ހެޔޮއެދޭ ފަރާތްތައް އަދި ހުދު އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވާ ރާއްޖެއިން ބޭރުގައި އުޅުމަށް "ހިތްހަލާސް" ކޮށްދިނުމަށް އެފުރުސަތު ފަހިކޮށްދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަވާއިރު ދައުލަތަށް ހިދުމަތް ކުރުމުގައި މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.