Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

އަފްޣާނިސްތާނަށް ވީގޮތް ވުމުގެ ކުރިން ފިޔަވަޅުތައް އަޅަންޖެހޭ: އާދަމް ޝަރީފް

މެމްބަރު އާދަމް ޝަރީފް އުމަރު--

އަފްޣާނިސްތާނަށް ވީގޮތް ރާއްޖެއަށް ވުމުގެ ކުރިންނ ހަރުކަށިފިކުރާއި ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހޭކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅުއްވި ބިލަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މީގެކުރިން ރާއްޖޭގެ ސިޔާސީ މީހުންނަށް ބިރުވެރިކަން ނެތް މިންވަރަށް މއިަދު ބިރުވެރިކަން އެބަ އޮތްކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވެފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ފެއިލް ވެފައިވާތީ ކަމަށް ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ހާލަތަށް އަލި އަޅުވާލާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރީ އެގައުމު ހަމަ މަގަށް އެޅުވުމަށް ކަމަށާއި، އެހެންނަމަވެސް އެގައުމުން އެމެރިކާ ސިފައިން ފައިބާަކަން އިއުލާނުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތާލިބާނުން އަނެއްކާވެސް އެ ގައުމު ހިފާފައިވާކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ހަރުކަށި ފިކުރާއި ދީނަށް ފުރައްސާކުރުމުގެ ފިކުރާދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ހަރުދަނާ ކުރަންޖެހޭ ކަމަށާއި، އެ ސިޔާސަތުތައް ފެއިލްވެފައިވާކަމަށެވެ.

"އަފްގާނިސްތާނަށް ދިމާވިގޮތަށް، ދިވެހިރާއްޖެއަށް ދިމާވުމުގެ ކުރިން އަސްލު މައްސަލައަށް އަޅުގަނޑުމެން އެބަޖެހޭ އެޑްރެސްކުރަން" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއަދު ރާއްޖޭގެ އެކި އިދާރާތަކުގައި ހަރުކަށި ފިކުރުގެ މީހުން އެބަ ތިބި ކަމަށާއި، އެމީހުން ތިބެގެން ކުރާކަންކަމުގެ މައުލޫމާތު ސަރުކާރުގައި ނެތުމަކީ ފެއިލްވުމެއް ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މީހުން ސަރުކާރުގެ މުއައްސަސާތަކުގައި ތިބިއިރު އެކަމާމެދު ސަރުކާރުން އަޅާނުލުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.

"މި މައްސަލަ ހައްލުނުވެ ތަކުރާރުކޮށް މިހެން ވާކަމުގައި ވެއްޖިއްޔާ، ދިވެހިރާއްޖޭގައި ބޮޑެތި ގަތުލްއާއްމުތައް ހިންގަން ފަށާނެ ކަމުގެ ބިރުވެރިކަން އުފެދުނީމަ، ބޭރުގެ އަސްކަރިއްޔާއަކުން މިތަނަށް އަރައި ހަމަ އަފްގާނިސްތާނަށް ހެދިގޮތް ހަދާނެ. އެހެން ހެދުމުގެކުރިން ސަރުކާރުން އެބަޖެހޭ ފިސާރި އަޒުމާއެކީގަ މިހުރި މައްސަލަތަކުގެ މައްޗަށް ރިއާޔަތްކޮށްފަ ފިޔަވަޅުއަޅަން."