ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަހްމަދު އާހިދު ރަޝީދު އައްޔަނު ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރުމަށް ފޮނުވާފައިވާ ނަންތަކަކީ ޝިހާމް މުހައްމަދު ވަހީދު، އަހްމަދު އާހިދު ރަޝީދު، މަރިޔަމް އަލީމް އަދި އަޒްލީމާ އަހްމަދެވެ.
މިއަދު ކުރިއަށްގެންދިޔަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މި ހަތަރު ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން ކޮންމެ ބޭފުޅަކަށް ރުހުން އޮތްތޯ ވަކިވަކިން ވޯޓަށް އަހާފައިވާއިރު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އާހިދު އައްޔަން ކުރަން ކޮމިޓީން ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި 10 މެންބަރުންގެ އިއްތިފާގުންނެވެ
ޤާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އެ މަގާމަށް ބޭފުޅަކު އައްޔަނު ނުކުރެވި ލަސްވެފައިވަނީ މަޖިލީހުގެ ކޮމިޓީން މީގެ ކުރިން ފޮނުވި ނަންތަށް ފާސްނުވުމާ ގުޅިގެންނެވެ. މައުލޫމާތު ހޯދާ ލިބިގަތުގެ ހައްޤުގެ ޤާނޫނުގައި ބުނެފައިވާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް ބޭފުޅަކު އައްޔަނު ކުރަން ޖެހެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މާޗް 21 ވަނަ ދުވަހުއެވެ. ފިޔާޒް މަޤާމުން އިސްތިއުފާ ދެއްވިތާ 60 ދުވަސް ހަމަވެފައިވަނީ މޭ 20 ވަނަ ދުވަހަށެވެ.