Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

އަދީބު އަތުން ފައިސާ ހޯދިކަމަށް ބުނާ މައްސަލައިގައި ނިޒާރު ހަނު!

އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އަތުން ފައިސާ ހޯދިކަމަށް ބުނާ މައްސަލައިގައި ނިޒާރުގެ ބަހެއް ނުލިބުނެވެ.

ދަރަންޏެއް ދެއްކުމަށްކަމަށްބުނެ އަދީބުގެ އަތުން ނިޒާރު ފައިސާ ހޯދިކަމަށްބުނެ އޮންލައިން ނޫސް ދިޔަރެސްގައި ރިޕޯޓް ކުރިއިރު އެނޫހުން ވަނީ ނިޒާރު އަދީބަށް ފޮނުވި ކަމަށްބުނާ މެސެޖުތައްވެސް ހާމަކޮށްފައެވެ.

އެގޮތުން ނިޒާރު އެކި ފަހަރު މަތިން އަދީބަށް މެސެޖުކޮށް 250،000 ރުފިޔާއަކާއި 70،000 ޑޮލަރެއް ހޯދުމަށް ހޯދުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ނިޒާރުގެ ބަހެއްހޯދުމަށް "އައްޑޫލައިވް" އިން ތަކުރާރުކޮށް ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ޖަވާބު ދެއްވުމަށް "ފަހުން ގުޅުއްވާނެ" ކަމަށްވިދާޅުވެ ނިޒާރު މިކަމުގައި ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި ފަހުންވެސް ނިޒާރުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ނިޒާރުގެ ފޯނަށް ގުޅުމުންވެސް ޖަވާބެއް ނުދެއްވިއެވެ.

އަދީބުގެ އަތުން ނިޒާރު، ދަރަންޏެއް ދެއްކުމަށް ފައިސާ ހޯއްދާފައިވާކަމަށް ތުހުމަތުކުރި އިރު، މިކަމުގައި ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނީ އޭރު އަދީބު ބެއްސެވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަމަށް ތުހުމަތުކުރެވޭތީއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަށް އަދީބު އިއުތިރާފްވެ އެ ކުށުގެ އަދަބު ތަންފީޒު ކުރަމުން އަންނައިރު އަދީބު ވަނީ އެ ފައިސާ އޭރުގެ މަޖިލިސް މެމްބަރުންނާއި އެކި ސިޔާސީ ފަރާތްތަކަށް އަދި އިދާރާތަކާއި މުއައްސަސާތަކުގެ ފަރާތްތަކަށް ދީފައިވާކަމަށް ވެސް އިއުތިރާފްވެފައެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ހިއްސާކޮށް މަޖިލީހުން އާންމުކުރި ލިސްޓުގައިވެސް ނިޒާރުގެ ނަން ހިމެނިފައިވެއެވެ.

ނިޒާރުގެ ނަން ލިސްޓުގައި ހިމެނުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ނިޒާރު ވިދާޅުވީ އޭނާގެ ނަން ހިމަނައިގެން މަޖްލިސް އިން ނެރުނު ލިސްޓަކީ އަބުރު ކަތިލުމަށް ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އަދި ދައުލަތް ފެއިލްވަމުންދާކަމުގެ ސިފަ ފެންނަމުންދާކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.