Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

މޭޔަރުގެ ދައުވަތަކަށް ޕާކިސްތާނު ހައި ކޮމިޝަނަރު މިއަދު އައްޑޫއަށް

އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުގެ ދައުވަތަކަށް ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް ރިޓަޔާޑު އަޠާރް މުޚްތާރު ރަސްމީ ދަތުރުފުޅެއްގައި މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ކައުންސިލުން ބުނީ ޕާކިސްތާނު ހައިކަމިޝަނަރު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 1:59 ގައި ކަމަށެވެ. 3 ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ޕާކިސްތާނު ހައިކޮމިޝަނަރު މާދަމާ ހެނދުނު އައްޑޫ ކައުންސިލާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިރޭ ހައިކަމިޝަނަރުގެ ޝަރަފުގައި މޭޔަރު ދެއްވާ ރޭގަނޑުގެ ފަރީކޮޅެއް ސ. ގަން އީކުއޭޓަރ ވިލެޖުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ 16 ވަނަ ދުވަހު މޭޔަރ އަލީ ނިޒާރު ވަނީ ފޯނުން ގުޅުއްވައި ޕާކިސްތާނު ހައި ކޮމިޝަނަރު އާއި މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާގައި މޭޔަރ ވަނީ ހައިކޮމިޝަނަރ އަށް ފަސޭހަފުޅު ވަގުތެއްގައި އައްޑޫ އަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.

އައްޑޫ ކައުންސިލުން ބުނީ ޕާކިސްތާނު ހައި ކޮމިޝަނަރާއި އެކު މޭޔަރު ފޯނުން ދެއްކެވި ވާހަކަފުޅުގައި އައްޑޫގެ ތަރައްގީ އަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވަނީ ހައި ކޮމިޝަނަރާއި ހިއްސާ ކުރައްވާފައެވެ. އަދި އައްޑޫގެ ތަރައްގީ އަށް އެކިއެކި ކަންކަމާއި ގުޅޭގޮތުން އެހީތެރިކަން ބޭނުންފުޅުވާ ކަމަށް ވެސް މޭޔަރު އަލީ ނިޒާރު ވަނީ ޕާކިސްތާނު ހައިކަމިޝަނަށް ދަންނަވާފައެވެ.