ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަހަރެއް ފަހުން ޓްވީޓެއް ކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގެ އިންތިޒާރުގައި ހުންނެވިކަން ހާމަކޮށްފިއެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި ހުރި އަލީ ވަހިދު ކުރި ޓްވީޓުގައި މިއަދު ހަވީރު 04:00 ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގެ އިންތިޒާރުގައި ހުންނެވިކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެއީ ކޮން ފަރާތަކުން ކޮން ކަމަކާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްކަމެއް ހާމަކޮށްފައެއްނުވެއެވެ.
Looking forward to the press conference today at 4pm 🇲🇻 pic.twitter.com/lcvTZqMQfp
— Ali Waheed (@ali20waheed) August 25, 2021
ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ. އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.