Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

މެންޓަލް ހެލްތްގެ ދާއިރާއިން މާސްޓާސް ފެންވަރުގެ 30 ސްކޮލާޝިޕަށް ހުޅުވާލަނީ

ރައީސް ސޯލިހް, ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން-- ފޮޓޯ: ރައީސް އޮފީސް

މެންޓަލް ހެލްތްގެ ދާއިރާއިން މާސްޓާސް ފެންވަރުގެ 30 ސްކޮލާޝިޕްގެ ފުރުސަތަށް ސަރުކާރުން ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައިސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ "ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓާ ޕްލޭނަކީ، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމަށާއި، މި މާސްޓަރ ޕްލޭނަށް ޢަމަލުކުރަން ފެށުމުން، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށެވެ.

މި މާސްޓަރ ޕްލޭން އެކުލަވައިލާފައި ވަނީ، ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ކަމަށާއި، އެގޮތުން ރާއްޖޭގެ ވަޒީފާ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ހުރިހާ ދާއިރާތަކާއި، ރާއްޖޭގެ މީހުން ތަމްރީނު ކުރަމުން އަންނަ ދާއިރާތަކާ ދެމެދު އޮތް ހުސްކަން، މި މާސްޓަރ ޕްލޭންގެ އެހީގައި ކުޑަކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ދަތި އުނދަގުލުގައިވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެންނަމަވެސް، މީހުން ބިނާކުރުމާ ގުޅިފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އޭގެ ތެރެއިން، ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަން ދޫކުރާ ސްޓޫޑެންޓް ލޯނުވެސް، ހުއްޓާނުލައި ކުރިއަށް ގެންދިޔަކަމަށާއި ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމްވެސް މެދުކަނޑާނުލައި ކުރިއަށް ގެންދެވުނު ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ އިޤްތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތަކެއް އެބަހުރިކަމަށާއި، އޭގެ ތެރެއިންވެސް، މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ހާއްސަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއްކަމަށެވެ.

"މެންޓަލް ހެލްތުގެ ދާއިރާއިން، ކްލިނިކަލް ސައިކޮލޮޖީއާއި، ޕްރޮފެޝަނަލް ކައުންސެލިންގ، އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލަރޝިޕްތައް ހިމެނޭގޮތަށް، މާސްޓަރސް ފެންވަރުގެ 30 ސްކޮލަރޝިޕްގެ ފުރުޞަތު، މާތް ﷲގެ އިރާދަފުޅާއެކު، ސަރުކާރުން ވަރަށް އަވަހަށް ހުޅުވައިލާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މީހުން ބިނާކުރުމާއި، ތަޢުލީމާ ގުޅޭ މިފަދަ ޕްރޮގްރާމްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ގަސްދުކުރާކަމަށެވެ.

އަދި ރަނގަޅު ތަޢުލީމުދީ، މީހުން ބިނާކުރުމަށް ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން މިކުރާ މަސައްކަތުގެ ނަތީޖާ މިއަދު ނުފެނުނު ނަމަވެސް މާދަމާގެ މުޖުތަމައުއިން މިކަމުގެ ފޮނި މީރުކަން ފެންނާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.