Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

ރަށްރަށުގައި ހިންގާ މަޝްރޫއުތައް ނިމޭއިރު ގިނަ ވަޒީފާތައް އުފެދޭނެ: ރައީސް ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ނިމޭއިރު ގިނަ ވަޒީފާތަކެއް އުފެދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

"ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަމުން އަންނަކަމަށާއި، އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް އިތުރު ސަރަހައްދީ ވައިގެ ބަނދަރުތައްހެދި ޓާޝަރީ ފެންވަރަށް، ފަސް ހޮސްޕިޓަލެއް ތަރައްޤީކުރެވި ހުރިހާ ރަށެއްގެ އިންޖީނުގެތައް، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭކަމަށެވެ. އަދި އޭގެ އިތުރުންވެސް އިތުރު މަޝްރޫއުތައް ހިންގޭކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ މިއިން ކޮންމެ މަޝްރޫއެއް ނިމޭއިރު، ރަށްރަށުގައި އެ އުފެދެނީ އެތައް ވަޒީފާއެއް ކަމަށާއި މިއިން ކޮންމެ މަޝްރޫއަކާއެކު އުފެދޭ މުއައްސަސާތައް ހިންގުމަށްޓަކައި، ކިޔަވައިގެން ތިބި ފަންނީ މީހުން ބޭނުންވާނެ ކަމަށެވެ. އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައިވެސް، ހުނަރުވެރި ފަންނީ މީހުން ބޭނުންވާނެކަމަށެވެ.

"ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން"ގެ މައިގަނޑު އަމާޒަކީ، މި ދެންނެވި ވަޒީފާތައް އަދާކުރާނެ ފަންނީ ހުނަރުވެރިން އުފެއްދުން ކަމަށާއި، އޭރުން ރަށްރަށުގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެކަމަށެވެ.

"ޚާއްޞަކޮށް، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި، އަންހެނުންނާއި ފިރިހެނުންގެ ފަރަޤު ކުޑަވެ، ރާއްޖޭގެ ތަރައްޤީގައި ދެޖިންސުގެ ޒުވާނުންގެ ޙިއްޞާ ވަރަށް ބޮޑަށް އިތުރުވެގެންދާނެ. ފަންނީ މަސައްކަތްތަކަށް ވަރަށް ހުޝިޔާރު އަދި ވަރަށް ހުނަރުވެރި ދިވެހި ޒުވާނުން، ރާއްޖޭގައި ގިނަ ޢަދަދަކަށް އެބަތިބި. އެ ޒުވާނުންނަށް ބޭނުންވަނީ، އެ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްޤީކޮށް، ޙަޔާތުގެ ޢަމަލީ މައިދާނުގައި، އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްކޮށްދިނުން. މި މާސްޓަރ ޕްލޭންގެ ޙަޤީޤީ މަޤްޞަދަކީވެސް އެއީ."

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މަތީތައުލީމުގެ ފުރުސަތު ދެ ޖިންސުގެ ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމުން، އެކަމުގެ ހަޤީޤީ މަންފާ ފެންނަން ފަށާނެކަމަށެވެ.

އަދި މި މާސްޓަރ ޕްލޭންގެ ސަބަބުން، ހުނަރުވެރި މަސައްކަތްތަކުގެ ދާއިރާތައް ގިންތިތަކަކަށްވެސް ބަހައިލެވޭނެ ކަމަށާއި، މި ނިޒާމު އިތުރަށް ހަރުދަނާވެ، ހުނަރުގެ މަސައްކަތަކީ ރައްޔިތުން ބަލައިގަންނަ އަދި ޝައުގުވެރިވާ ދާއިރާއަކަށްވެސް ވެގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.