ބިންތައް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް އޮތުމަކީ އޮތް "ރިސްކް"އަކަށް ވެދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނާ ފުށުއަރާތީ ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، މައި ސަރުކާރުގެ ބާރުގެ ދަށުގައި ކަންކަން ހުރުމަކީ ޔުނިޓަރީ ދައުލަތެއްގެ ސިފައެއްކަމަށެވެ. ކައުންސިލްތައް އޮވެ އެ ސަރަހައްދުތަކުގެ ބިންތައް އެ ބަޔަކު ބޭނުން ގޮތަކަށް ދޫކޮށް ހެދުމަކީ ފެޑަރަލް ސިސްޓަމެއްގެ ސިފަ ކަމަށެވެ.
ޤާސިމް ވިދާޅުވީ ރާއްޖޭގެ ކައުންސިލްތަކުގައި ތިއްބެވި ބޭފުޅުންގެ ކެޕޭސިޓީއަށް ބަލާއިރު، ދިގު މުއްދަތަށް ނުވަތަ 99 އަހަރަށް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދައެއްނުލިބި ބިން ދޫކުރެވޭ ގޮތަށް އޮތުމަކީ "އަޅުގަނޑުމެންނަށް އޮތް ރިސްކް"އަކަށް ވެދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
"ޔުނިޓަރީ ދައުލަތެއްގެ އޮންނަ އޮންނަ ސިފައެއްވެސް ނުމެނޫންމެ މިދެންނެވިހެން އެ އަތޮޅެއްގެ ހުންނަ ތަންތަނުގެ ފަޅުތަކާ ރަށްތަކާ އެއްޗެހި [ކައުންސިލުން] ދިނުމަކީ. އަޅުގަނޑަށް މި ދެއްކެވީ މި ބިލުގަ އޮތްގޮތާ ހިލާފަށްކަން ނުވަތަ ލާމަރުކަޒީ ޤާނޫނާ ހިލާފަށް ނޫންކަމެއްވެސް ނޭންގެ." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރާއްޖޭގެ އުސޫލުތައް ހުންނަންޖެހޭނީ ޔުނިޓަރީ ދައުލަތެއްގެ ސިފަތައް ހުންނަގޮތަށް މައި ސަރުކާރުގެ ބާރުގެ ދަށުގައި ތަންތަން ހުންނަގޮތަށް ކަމަށެވެ. މިއީ ޔުނިޓަރީ ދައުލަތެކަން ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ފެޑަރަލް ސިސްޓަމެއްގައި އޮންނަގޮތަށް ކަންކަން ރާވައިފިނަމަ ބޮއްސުންލައިގެން ހިނގައިދާނެކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެއީ މުސްތަޤުބަލުގައި މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް މުހިންމު ކަމަކަށް ވާނެކަމަށް ދެކޭކަމަށް ވިދާޅުވިއެވެ.
ޤާސިމްގެ އިތުރުންވެސް މި ބިލަށް ވާހަކަ ދެއްކި މެމްބަރުންވަނީ ބިލާމެދު ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އެގޮތުން ބިންތަކުގެ ކަންކަމުގައި އިމެއްނެތި ކައުންސިލްތަކަށް ބާރުދިނުމުގެ ނުރަނގަޅު ނަތީޖާ ނިކުމެދާނެކަމަށް ބުނެފައިވެއެވެ.