Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު އެމްޑީޕީ

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ގިނަ ބައެއްގެ ޝައުގުވެރިކަން

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން -- ފޮޓޯ / އެމްޑީޕީ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް 15 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

މި ކޮމިޓީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވީ އިއްޔެ އެވެ. ނުވަ މެމްބަރުން ތިއްބަވާ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ވާދަވެރިކަން ވަނީ ބޮޑުވެފައި އެެވެ.

އިސްތިއުނާފުގެ ފަނޑިޔާރު މަޖިލިސް އެކުލެވިގެންވަނީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސް އާއެކު އަށް މެމްބަރުން ހިމެނޭ ގޮތަށެވެ. ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަކީ މަދުވެގެން 2 އަހަރުގެ ތަޖުރިބާހުރި، އުމުރުން 35 އަހަރު ވެފައިވާ ގާނޫނީ ވަކީލަކަށް ވާންޖެހެ އެވެ.

އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީސް ހޮވާނީ ޤައުމީ މަޖިލީހުންނެވެ. އަދި މި މަޖިލީހުގެ ދައުރު ދައުރަކީ ފަސް އަހަރެވެ. ނަމަވެސް އެ މަޖިލީހުގެމެންބަރުންގެ ދައުރު ހަމަވުމުން، އަލުންއަނބުރާ އިތުރު ދައުރަކަށް އެ މެމްބަރުން އިންތިޚާބުކުރުމުގެ ޙައްޤު އޮންނާނެ ކަމަށް އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ.

އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަށް މެންބަރުން ހުށައަޅާނީ، ޤައުމީ މަޖިލީހުގެ 2 މެންބަރުންގެ ތާއީދާއެކުއެވެ. އަދި
ޤައުމީ މަޖިލީހުގެ މެންބަރަކަށް، އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ މެންބަރުކަމެއް ނުފުރޭނެ ކަމަށްވެސް އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ. ހަމަ މިފަދައިން އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ މެންބަރެއް ޤައުމީ މަޖިލީހަށް ހޮވިއްޖެނަމަ، ފަނޑިޔާރު މަޖިލީހުގެ މެންބަރުކަން ގެއްލޭނެއެވެ.