Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

ބަރުލަމާނީ ނިޒާމުގައި ހުރިހާ އެއްޗެއް އަޅާނީ އެއް ޖީބަކަށް، އެއީ ކަމުދާ ނިޒާމެއް ނޫން: ޤާސިމް

ޤާސިމް އިބްރާހިމް--

ބަރުލަމާނީ ނިޒާމު ގެންނަން ހެޔޮނުވާނެ ކަމަށާއި، އެއީ ކަމުދާ ނިޒާމެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭ ބަހުސް އަނެއްކާވެސް ފެށިފައިވާ ވަގުތެއްގައި ޖުމްހުރީ ޕާޓީން ހިއްސާކުރި ވީޑީއޯއެއްގައި ޤާސިމް ވަނީ ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތް ހާމަކޮށްފައެވެ.

އެގޮތުން ޤާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމުގައި ރައީސުލުޖުމްހޫރިއްޔާގެ މަގާމަކީ ރަމްޒީ މަގާމަކަށް ވީއިރު އެނިޒާމު ގެނެސްފިނަމަ ރައީސުލްޖުމްހުރިއްޔާގެ މަގާމަށް ކުރަންޖެހޭނެ ހަރަދުތަކަކީވެސް ބޭކާރު ހަރަދުތަކެއްކަމަށެވެ. ރާއްޖެފަދަ ގައުމެއްގައި ބަރުލަމާނީ ނިޒާމަށް ކުރަންޖެހޭ ހަރަދަކީ ބޭކާރު ހަރަދެއްކަމަށް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރާއްޖޭގައި މިހާރު ބަރުލަމާނީ ނިޒާމު ގެންނަން އުޅެނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަވައިގައި ޖެހިގެން އުޅޭ ބައެއްކަމަށެވެ. އަދި މިކަމަކީ ވަކިމީހަކަށް ބާރުވެރިކަމާއި ވެރިކަން ނުލިބިގެން ކުރާ ކަމެއްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެމްބަރުން ތިބެނީ ކެބިނެޓްގައި. ކެބިނެޓްގައި ތިބޭ ހުރިހާ މެމްބަރުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. ރައްޔިތުންގެ މަޖިލީހުން ވެސް މުސާރަ ނަގާފައި އަނެއްކާ މިނިސްޓަރުކަމުގެ މުސާރަ ނަގާފައި ހުރިހާ އެއްޗެއް އެއް ޖީބަށް މި އަޅާލަނީ. ދެން އެމީހުން ކޮރަޕްޝަން ހިންގީމާ އެމީހުންގެ މައްސަލަ ބަލަން އަނެއްކާ އަންނަންވީ ރައްޔިތުންގެ މަޖިލީހަށް"

ޤާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ކިތަންމެ އާބާދީ ކުޑަ ދާއިރާއަކަށް ހޮވޭ މެމްބަރަކަށްވެސް ބޮޑުވަޒީރަކަށް ވެވިދާނެކަމަށާއި، އަދި އެމީހަކު ވެރިކަމަށް އައުމަށް ހުރިހާ ރައްޔިތުންގެ ގާތަށްވެސް ދާންނުޖެހޭކަމަށެވެ. މީގެ އިތުރުން ޤާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ގެންނަން ހެޔޮނުވާ އަދި ކަމުދާ ނިޒާމެއް ނޫންކަމަށެވެ.

ޤާސިމް މިފަދައިން ވާހަކަ ދައްކަވާފައިމިވަނީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. މި ޕެޓިޝަނަކީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯގައި، ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ވެފައިވާ ވައުދު ފުއްދުމަށް ބާރުއެޅުމަށް ރައީސަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެކެވެ. މާލޭގެ އިތުރުން މި ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން އަތޮޅުތެރޭގައި ވެސް ހަމަޖެއްސުމަށް އަންނަނީ ތައްޔާރުވަމުންނެވެ.