Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

ޑްރައިވިން ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި އެމްޑަބްލިއުއެސްސީން ހަދިޔާކޮށްފި

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމަށް ލައިސަންސް ޓެސްޓް ހެދުމަށްޓަކައި، ހުޅުމާލޭގައި ޑްރައިވިންގ ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި އެމްޑަބްލިއުއެސްސީގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން މައުލޫމާތުދޭ ގޮތުގައި މި ތަކެތި ހަދިޔާކޮށްފައިވަނީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

މިގޮތުން މިނިސްޓްރީއަށް ހަދިޔާ ކުރެވުނު ތަކެތީގެ އަގު ޖުމްލަ 1 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.

މި ތަކެތި ހަދިޔާ ކޮށްފައި ވަނީ 18 އޮގަސްޓް 2021 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހުއެވެ.

އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑްރައިވިންގ ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގެ މައިގަޑު މަގްސަދަކީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ލައިސަންސް ޓެސްޓް ހަދާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މިގޮތުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވަން ދަސްކޮށްދިނުމަށް އެކަށީގެންވާ ޖާގައެއް ނެތުމަކީ މިހާރު ޑްރައިވިންގ ސްކޫލްތަކަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުންކަމަށްވީއިރު، މިފަދަ ޓްރެކެއް ޤާއިމްވެގެން ދިއުމުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ލައިސަންސް ދިނުމަށްޓަކައި ދެވޭ ޓެސްޓް ކުރިޔަށް ގެންދިޔުމަށް ރަނގަޅު މާހައުލެއް ލިބި، ޑްރައިވިންގ ޓްރެކްގެ ބޭނުން ހިއްޕަވާ ފަރާތްތަކަށް ފަސޭހަކަން ލިބިގެން ދާނެއެވެ.