ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ޤާނޫނެއްގެ އޯޑިއޯ އާންމުކޮށްފިއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން ކުރިއަށްގެންދާ ޤާނޫނުތަކަށް އަހުލުވެރިކުރުމުގެ މަސައްކަތުގެ ތެރެއިން އާންމު ކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެހައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދުގެ އޯޑިއޯ ރެކޯޑިން އެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ މި އޯޑިއޯ އެ އޮފީހުގެ ވެބްސައިޓާއި އެމްވީލޯ ވެބްސައިޓުގައި އާންމުކޮށްފައިވާކަމަށެވެ.
މި މަސައްކަތަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުން ޤާނޫނުތަކާއި ގަވާއިދުތައް ޝާއިޢުކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް ފަސޭހައިން ވާސިލްވުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވިފައިވާ މަސައްކަތެއް ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ ޔޫ.އެން.ޑީ.ޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީއާއެކުކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.
އޭޖީ އޮފީހުން ބުނެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޤާނޫނީ އެކި މަސްދަރުތަކަށް އަހުލުވެރިވުމަށާއި، އެންމެ އެދެވިގެންވާ ގޮތުގައި ޤާނޫނީ ދާއިރާއާ ގުޅޭ މައުލޫމާތު ލިބުމަށް ދަތިވެފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައަށް މި މަސައްކަތުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ދެކޭކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މެދުގައި ޤާނޫނީ އަހުލުވެރިކަން އިތުރުވެގެންދިއުމަށް މަގުފަހިވެގެން ދާނެކަންވެސް ފާހަގަކުރެވޭ ކަމަށެވެ.