Last Updated: July 16, 12:04
Wednesday, July 16, 2025
ޚަބަރު

ބަންދުކުރި ގޯޅީގެ މައްސަލައިގައި ސިޓީ ކައުންސިލުން ކޯޓަށް ދާން ތައްޔާރު

މާލޭގައި ސްޓެލްކޯއިން ބަންދުކޮށްފައި ހުރި ގޯޅިތައް ހުޅުވުމަށް މާލޭސިޓީ ކައުންސިލުން އެންގި އެންގުމަށް އިޖާބަދީފައިނުވާތީ އެމަގުތައް ހުޅުވުމަށް ކުރަންޖެހޭކަންކަން ކުރާނެކަމަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެސިޓީ ކައުންސިލުން އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ އެ މަގުތައް ހުޅުވުމަށް ސްޓެލްކޯއަށް އެއްމަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

މުއިއްޒު ވިދާޅުވީ އެ ގޯޅިތައް ސްޓެލްކޯއަށް ދިނީ ޖަނަރޭޓަރު ބަހައްޓަން ނޫންކަމަށާއި، އަދި އެތަންތަން ދާއިމީކޮށް ބަންދުކުރަންވެސް ނޫންކަމަށެވެ.

އެތަންތަން ސްޓެލްކޯއަށް ބަންދުކުރުމުގެ ހުއްދަ ދީފައިވަނީ ވަގުތީގޮތުންކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެތަންތަން ދާއިމީކޮށް ހިފައި، ބަންދުކޮށްފައި ހުރުމަކީ އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ.

"ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެ ގޯޅިތައް ހުޅުވުމަށްޓަކައި އަޅަން ކައުންސިލުން ނިންމީ. އޭގެ ތެރޭގައި ކޯޓަށް ދިއުން ވެސް ހިމެނޭގޮތަށް އެ ގޯޅިތަކާއި މަގުތައް ހުޅުވުމަށް ގާނޫނުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުމެން ނިންމީ." މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން އެދިފައިވަނީ ސްޓެލްކޯގެ ފަރާތުން ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސްއިމާރާތް ހިމެނޭ ކޮއްޓާ ދޭތެރޭ އޮންނަ ކަށިމާ ހިނގުމާއި ސްޓެލްކޯ ޕަވަރ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާ އާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން ހުޅުވުމަށެވެ.

ސްޓެލްކޯއިން ގޯޅިތައް ބަންދުކުރި މައްސަލައިގައި ކޯޓަށް ދާން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވަނީ، އިންޑަސްޓްރިއަލް ވިލެޖުގައި އޮތް ސްޓެލްކޯގެ ބިން ސިޓީ ކައުންސިލުން ނެގުމުން އެކަން ސްޓެލްކޯގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވަނިކޮށެވެ.