ތިލަމާލެ ބްރިޖްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ބަދަލެއް އަންނާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރް މިފަދައިން ވިދާޅުވެފައިވަނީ ތިލަމާލެ ބްރިޖް އެއްބަސްވުމުގައި ސޮއި ކުރުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ.
އެގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖާއެކު ރާއްޖޭގެ އިގްތިސޯދަށް އެކަށީގެންވާ ރަނގަޅު ބަދަލެއް އަންނަތަން ފެންނާނެކަމަށެވެ. އެގޮތުން ބްރިޖް ގުޅާލުމުން ގުޅީފަޅުގައި ކޮމާޝަލް ބަނދަރުން ހިދުމަތް ހޯދުމަށް ވެސް ލުއި ލިބިގެންދާނެކަމަށެވެ.
މީގެ އިތުރުން ބްރިޖްގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ލުޔަކަށްވާނީ މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލު ލިބި މާލެ ވިލިމާލެ އައި ތިލަފުއްޓާ ދެމެދު ދަތުރުކުރުމުގެ ދަތިތަކަށް ހައްލު ލިބިގެން ދިއުންކަމަށް އަމީރް ވިދާޅުވިއެވެ.
ބުރިޖު އަޅަން އެފްކޮންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑާއި އެކު ސޮއިކޮށްފައިވަނީ ދެ އަހަރުގެ ތެރޭގައި މި މަސައްކަތް ނިންމާގޮތަށެވެ.
ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެވިގެންދާއިރު، 100 މިލިޔަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓަށް ވެގެންދާނެއެވެ.