Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

މަހުލޫފަށް މައްސަލަ އިސްތިއުނާފު މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް: ހަސަން

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާފައިވާ ސަސްޕެންޑްކޮށްފައި ހުރި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެވޭގޮތަށް ނިންމާފައިވާ ނިންމުން އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތްކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގައި ވާދަނުކުރެވޭގޮތަށް ނިންމިނިންމުމާ ގުޅިގެން މަހުލޫފް ހުށަހެޅި ޝަކުވާއަށް ޝަކުވާ ކޮމިޓީން ޖަވާބު އަރުވާފައިވާކަމަށެވެ. އަދި މަހުލޫފް ހުށަހެޅި ޝަކުވާއާ މެދު ނިންމާފައިވާ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އެކަން އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅޭނެކަަށްވެސް ވިދާޅުވިއެވެ.

"އެއާދޭތެރޭ [ޝަކުވާ ކޮމިޓީގެ ނިންމުމާމެދު] ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށްވަންޏާ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު އޮންނާނެ. އެހެންމަ އެ ފުރުސަތު އަދިވެސް އޮތްކަމަށް އަޅުގަނޑު ގަބޫލުކުރަނީ މަހުލޫފަށްވެސް އަދި ޝަކުވާ ހުށަހަޅުއްވާ ހުރިހާ ބޭފުޅުންނަށްވެސް." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މަހުލޫފާއި މެދު ވަކި ތަފާތުގޮތަކަށް އަމަލުނުކުރާކަމަށާއި، މި އިންތިހާބުގައިވެސް އަމަލުކުރަމުން އަންނަނީ އެމްޑީޕީން އަބަދުވެސް އަމަލުކުރަމުން އަންނަގޮތަށް ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލާ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއް ޤައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައި އޮތްކަންވެސް ހަސަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހަސަން ވިދާޅުވީ މަހުލޫފްގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ ސިޓީއެއްވެސް ލިބިފައިވާކަމަށާއި، އަދި އެކަމަށް ޖަވާބު ދިނުމަށް އޮތް ވަގުތުގެ ތެރޭގައި ޖަވާބުވެސް ދޭނެކަމަށެވެ.

ސެޕްޓެމްބަރު 25 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި މަހްލޫފް ވާދަކުރައްވަން ހުށަހެޅުއްވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސަށެވެ. މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމީ ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފައިވާތީ ކަމަށް ބުނެ އެވެ.