ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގައި 700 އަށްވުރެއް ގިނަ ފަރާތްތައް ވާދަކޮށްފައިވާކަން އެޕާޓީން ހާމަކޮށްފިއެވެ.
އެމްޑީޕީ އިންތިހާބާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މި އިންތިހާބުގައި 455 މަގާމުތަކަށް 735 މެމްބަރުން ކުރިމަތިލާފައިވާކަމަށެވެ.
މި އިންތިހާބުގައި އެމްޑީޕީން މެމްބަރުން އިންތިހާބު ކުރާނެ މަގާމުތަކުގެ ތެރޭގައި ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ / ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން، ދާއިރާ / ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކެރެޓަރީންނެވެ.
އެމްޑީޕީ މި އިންތިހާބުގައި 300 އެއްހާ ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާއިރު 900 އެއްހާ އޮފިޝަލުން ހޯދަމުގެ މަސައްކަތް ކުރަމުން އަންނަކަަމށްވެސް ހަސަން ވިދާޅުވިއެވެ.
މި އިންތިހާބުގައި ވޯޓުލާނީ އެމްޑީޕީގެ ދަފްތަރަށްކަމަށް ވާއިރު މިވަގުތު 93000 އެއްހާ މެމްބަރުން އެމްޑީޕީގެ ދަފްތަރުގައި ތިބި ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ދަފްތަރުގައި އޮތް މެމްބަރަކީ އެހެން ޕާޓީއެއްގެ މެމްބަރެއްކަމަށް ޝަކުވާ ހުށަހަޅަން އޮންނަ މުއްދަތުގައި ޝަކުވާ ލިބިއްޖެނަމަ އަދި އެފަރާތަކީ އެހެން ޕާޓީއެއްގެ ދަފްތަރުގައި އޮތް ފަރާތެއްނަމަ މި އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ނުލިބޭނެކަމަށެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 25 ވަނަ ދުވަހުއެވެ.