މިއަހަރު ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކްސްގައި ވާދަކުރުމަށްޓަކާ، ޖަޕާނުގައި މިވަގުތު ތިބި ދިވެހި އެތުލީޓުންނާއި، ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމުގައި، ޕެރަލިމްޕިކްސްގައި ބައިވެރި ވުމަށް މިހާރު ޖަޕާނުގައި ތިބި ދިވެހި ޓީމުގެ ހުރިހާ ޑެލިގޭޓުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފޮރިން މިނިސްޓަރ ވިދާޅުވީ، މިއީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށްވުމާއެކު، މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހުރިހާ އެތުލީޓުންގެ ނަންވެސް ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމުގައެވެ.
އަދި މި މުބާރާތުގައި ތަމްސީލުކުރާ ދިވެހި އެތުލީޓުން މުބާރާތުގައި ވާދަކުރުމަކީވެސް އޭގެ ޒާތުގައި ގައުމަށް ހޯއްދަވާ ދެއްވާ ރަން މެޑަލެއްކަމުގައި ވިދާޅުވެ މިނިސްޓަރ ވަނީ މި ދެ އެތުލީޓުންނާއި މުޅި ޑެލިގޭޝަނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަގޮތެއްގައި މާޒިންއާ ފާޠިމަތު އިބްރާހީމަކީ ވަރަށް އަޒުމާއި ހިތްވަރާއެކު ކުރިޔަށްދާ ދެ އެތުލީޓުންކަން ފާހަގަކުރައްވައި ދެ ބޭފުޅުންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިވެއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ، ޕެރަލިމްޕިކްސް ދުވުމުގެ އިވެންޓުގައި ވާދަކުރާ ދިވެހި ދެ އެތުލީޓުން ކަމުގައިވާ މުޙައްމަދު މާޒިންއާ ފާޠިމަތު އިބްރާހީމު، ދުވުމުގެ ރޭހުގައި ވާދަކުރާ ދުވަހު، ދެ އެތުލީޓުންނަށް ހިއްވަރުދީ، އަދި ކާމިޔާބީއަށް އެދި ހެޔޮ ދުޢާކުރުމުގައި މުޅި ދިވެހި ގައުމުގެ ކުދިބޮޑު އެންމެހާ ރައްޔިތުންވެސް އެވަގުތު ދަނޑުގައި ތިބިކަމަށް ދެކެވަޑައިގެން، ހިތްވަރާއެކު، އިވެންޓުގައި ގައުމު ތަމްސީލުކޮށް ދިނުމަށް އެދިވަޑައިގަތެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ، މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދެކުޅުންތެރިންނަށް، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ފަރާތުން ތަހުނިޔާ އަރިސް ކޮށްފައެވެ.