ޕީއެސްޖީގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ ގެންނަން ރެއާލް މެޑްރިޑުން އިތުރު ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
ރެއާލް އިން ވަނީ އެމްބާޕޭ ހޯދަން މިދިޔަ އަންގާރަ ދުވަހު 160 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅާފައެވެ. ނަމަވެސް އެ އެ ހުށަހެޅުން ބަލައިގަންނަން ޕީއެސްޖީން ދެކޮޅު ހެދުމުން ރެއާލް އިން އިއްޔެގެ ވަގުތެއްގައި 180 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ވަނީ ހުށަހަޅާފައެވެ.
އެ ހުށަހެޅުން ބަލައިގަތުމާ މެދު ޕީއެސްޖީން ވަކި ގޮތެއް އަދި ނިންމާފައި ނުވާއިރު، ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީ އާއި ރެއާލްއާ ދެމެދު މިހާރު އަންނަނީ މި ޓްރާންސްފާއާ ގުޅޭގޮތުން ރަސްމީކޮށް މަޝްވަރާ ކުރަމުންނެވެ.
އުމުރުން 22 އަހަރުގެ އެމްބާޕޭ ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނަށްފަހު ހަމަވާއިރު، ކޮންޓްރެކްޓް އާކުރުމުގެ ވިސްނުމެއް އެމްބާޕޭ ނުގެންގުޅޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ރެއާލް އިން ހޯދަން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިއަކީ އެމްބާޕޭ ކަމަށްވާއިރު، ދާދިފަހުން ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއަނާޑޯ ވަނީ އެ ކްލަބު ދޫކޮށްލަން އެމްބާޕޭ ބޭނުންވާކަން ހާމަކޮށްފައެވެ. އެގޮތުން ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އެމްބާޕޭ ވިއްކާލާނެ ކަމުގެ އިޝާރާތެއް ލިއާނާޑޯ ވަނީ ދީފައެވެ.
2017 ވަނަ އަހަރު އުމުރުން 18 އަހަރުގައި މޮނާކޯ އިން ޕީއެސްޖީ އަށް ބަދަލުވި އެމްބާޕޭ ވަނީ އެ ޓީމަށް ކުޅެދިން 173 މެޗުގައި 133 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު މިހާތަނަށް ފްރެންޗު ލީގު ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.