ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބު ދޫކޮށްލަން ނިންމައިފިއެވެ.
ޔުވެންޓަސް އާއެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓު މި ސީޒަނަށްފަހު ހަމަވާއިރު ރިޕޯޓުތައް ބުނާގޮތުން ޔުވެންޓަސް ދޫކޮށްލަން ބޭނުންވާކަން ރޮނާލްޑޯ މިހާރު ވަނީ ރަސްމީކޮށް އެ ކްލަބަށް އަންގާފައެވެ. އަދި ޔުވެންޓަސް ދޫކޮށްލުމަށްފަހު ރޮނާލްޑޯ ބަދަލުވާން މަސައްކަތް ކުރަނީ މެންޗެސްޓަރ ސިޓީ އަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން ޔުވެންޓަސް އިން ރޮނާލްޑޯ ދޫކޮށްލާނީ 29 މިލިއަން ޔޫރޯ އަށް ކަމަށްވާއިރު، ޔުވެންޓަސް އިން މިހާރު މަޑުކުރަނީ ސިޓީގެ ހުށަހެޅުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ޓްރާންސްފާއާ ގުޅޭގޮތުން ރޮނާލްޑޯގެ އެޖެންޓާއި ސިޓީއާ ދެމެދު އިއްޔެ އިން ފެށިގެން މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރޮނާލްޑޯ ގެނައުމުގެ މަސައްކަތް ސިޓީން ފަށާފައިމިވަނީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ގެންނަން އެ ކްލަބުން ކުރި މަސައްކަތް ފެނަށް ދިޔުމާ ގުޅިގެންނެވެ.
ސިޓީއާ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑަށް ކުރިން ކުޅުނު ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ކްލަބާއެކު އިޓާލިއަން ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.