Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ރޮނާލްޑޯ ގެންނަން ޔުނައިޓެޑުން ވެސް މަސައްކަތް ކުރަނީ

ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގެންނަން މެންޗެސްޓަރ ޔުނައިޓެޑުން ވެސް މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔުވެންޓަސް އާއެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓު މި ސީޒަނަށްފަހު ހަމަވާއިރު ރޮނާލްޑޯ އިއްޔެ ވަނީ ޔުވެންޓަސް ދޫކޮށްލަން ބޭނުންވާކަން ރަސްމީކޮށް އެ ކްލަބަށް އަންގާފައެވެ. އަދި މިއަދުގެ ވަގުތެއްގައި ރޮނާލްޑޯ ވަނީ އިޓަލީ ދޫކޮށް އެނބުރި އޭނާގެ އުފަން ގައުމު ކަމަށްވާ ޕޯޗުގަލް އަށް ގޮސްފައެވެ.

ކުރިމަގާ މެދު ގޮތެއް ނިމެންދެން ރޮނާލްޑޯ ޕޯޗުގަލްގައި ދުވަސްތަކެއް ހޭދަކުރުމަށް ނިންމާފައިވާއިރު، އޭނާ ގެންނަން އެންމެ ފުރަތަމަ މަސައްކަތް ފެށީ މެންޗެސްޓަރ ސިޓީންނެވެ. ނަމަވެސް ސިޓީއާއެކު ރޮނާލްޑޯ ހޯދުމުގެ ރޭހުގައި އޭނާ ކުރިން ކުޅުނު ކްލަބު ކަމަށްވާ، ޔުނައިޓެޑުން ވެސް ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ޔުނައިޓެޑުން ރޮނާލްޑޯގެ އެޖެންޓާއެކު ވާހަކަތައް ފަށާފައިވާއިރު، ރޮނާލްޑޯ އަލުން އަނބުރާ ގެނައުމަށް ޔުނައިޓެޑްގެ އިސްވެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އެބަހުރި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ ހޯދުމަށް ސިޓީ އާއި ޔުނައިޓެޑުން ގަދަ ހިފުމަކަށް ގޮސްފައިވާއިރު ޔުވެންޓަސް އިން ރޮނާލްޑޯ ދޫކޮށްލާނީ 29 މިލިއަން ޔޫރޯ އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޔުވެންޓަސް އިން މިހާރު މަޑުކުރަނީ ރޮނާލްޑޯ ހޯދަން ބޭނުންވާ ކްލަބެއްގެ ހުށަހެޅުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ ގެނައުމުގެ މަސައްކަތް ސިޓީން ފެށީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ގެންނަން އެ ކްލަބުން ކުރި މަސައްކަތް ފެނަށް ދިޔުމާ ގުޅިގެންނެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ކްލަބާއެކު އިޓާލިއަން ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.