Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވެއްޖެ

ޔުވެންޓަސް އަށް ކުޅެމުން އައި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި ޓްރާންސްފާއާ ގުޅޭގޮތުން ޔުނައިޓެޑާއި ޔުވެންޓަސްއާ ދެމެދު މިހާރު އެއްބަސްވުމަކަށް އައިސްފައިވާއިރު ރޮނާލްޑޯ މެޑިކަލް ފުރިހަމަ ކުރާނީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައެވެ.

ޔުވެންޓަސް ދޫކޮށްލަން ބޭނުންވާކަން ރޮނާލްޑޯ އިއްޔެ ރަސްމީކޮށް އެ ކްލަބަށް އެންގިއިރު، އޭނާ ގެންނަން އެންމެ ފުރަތަމަ މަސައްކަތް ފެށީ މެންޗެސްޓަރ ސިޓީންނެވެ. ނަމަވެސް ސިޓީން ފަހުން ވަނީ ރޮނާލްޑޯ ގެނައުމުގެ މަސައްކަތް ހުއްޓާލާފައެވެ.

ރޮނާލްޑޯ ގެނައުމުގެ މަސައްކަތް ސިޓީން ފެށީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ގެންނަން އެ ކްލަބުން ކުރި މަސައްކަތް ފެނަށް ދިޔުމާ ގުޅިގެންނެވެ.

ރޮނާލްޑޯ ގެނައުމުގެ މަސައްކަތް ޔުނައިޓެޑުން ފެށީ މިއަދުގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މި ޓްރާންސްފާ ފުރިހަމަ ކުރުމުގައި ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަންގެ އިތުރުން އެ ކްލަބަށް ކުރިން ކުޅުނު ބައެއް ކުޅުންތެރިން ވެސް މުހިއްމު ރޯލެއް އަދާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑްގައި މީގެކުރިން ހަ އަހަރު ހޭދަކުރި ރޮނާލްޑޯ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ.