މިހިނގާ އޮގަސްޓްމަހުގެ މިހާތަނަށް ރާއްޖެއަށް 120،000 އަށްވުރެއް ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ވީކްލީ އަޕްޑޭޓްތައް ދައްކާގޮތުން އޮގަސްޓްމަހުގެ 1 ވަނަ ދުވަހުން 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 120،529 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 2019 ވަނަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 120،341 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ ޖުމުލަ 732،896 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މިމަހު ދުވާލަކަށް އެވްރެޖްކޮށް ރާއްޖެއަށް 4821 ފަތުރުވެރިން އާދެއެވެ.
މި އަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. ރަޝިއާއިން މިއަހަރުގެ މިހާތަނަށް 157,876 ފަތުރުވެރިން އައިސްފައިވާއިރު ދެވަނައިގައި އޮތް އިންޑިއާ އިން 146,205 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.