އިސްލާމް ކިޔަވައިދިނުމަށް ކޮންމެވެސް ވަރަކަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށް އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ބުނެފިއެވެ.
އެމްޑީޕީގެ "މޭ ހަޔެއް" ކޮމެޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ ކޮމެޓީއެކެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ހަރުކަށި ފިކުރާއި ގުޅޭގޮތުން ވާހަކަތަކެއް ދެކެވިފައިވާ ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގައި ހަރުކަށި ފިކުރުގެ ފަރާތްތަކުން ސްކޫލް ކުދިންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަން އެ މިނިސްޓްރީން ހާމަކުރި ކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި ހަރުކަށި ފިކުރަށް ހެއްލޭ ބައެއް ކުދިން ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުދިންނަށް އަމާޒުކޮށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް މިނިސްޓަރާއި ހަވާލާދީ އަފީފް ވިދާޅުވިއެވެ.
އަދި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން ޓާގެޓް ކުރަނީ ނިކަމެތި ކުދިންނަށް ކަމަށާއި މިފަދަ ކަންކަން ހުއްޓުވުމަށް ޓީޗަރުން ވެސް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ. އޭގެއިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން ސޯޝަލް ސްޓަޑީސް ކަރިކިއުލަމް ރިވައިސް ކުރަމުންދާ ކަމަށްވެސް މިނިސްޓަރާއި ހަވާލާދީ އަފީފް ވިދާޅުވިއެވެ.
"އަދި އެއާއެކު، މިނިސްޓްރީން އެބަވިސްނާ ވަޑައިގަންނަވާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ވެސް ގެނެސްގެން ކުދިންނަށް އުނގަންނައިދިނުމަށް" އަފީފް ވިދާޅުވިއެވެ.