ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއާ ގުޅުނު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އެ ކްލަބަށް ކުޅޭ ފުރަތަމަ މެޗު މިރޭ ކުޅުމަށް ތައްޔާރުވެއްޖެއެވެ.
ފްރެންޗު ލީގުގައި މިރޭ ޕީއެސްޖީން ރެއިމްސްއާ ދެކޮޅަށް ކުޅޭއިރު، މި މެޗަށް ނެގި ސްކޮޑުގައި މެސީ ވަނީ ހިމަނާފައެވެ. މެސީގެ އިތުރުން މިރޭގެ މެޗުގެ ސްކޮޑުގައި ނޭމާ ވެސް ހިމަނާފައިވާއިރު، ކޮޕަ އެމެރިކާގެ ފައިނަލަށް ފަހު މި ދެ ކުޅުންތެރިން ވެސް އަދި މެޗެއް ކުޅެފައެއް ނުވެއެވެ.
އެންމެފަހުން ޕީއެސްޖީން ލީގުގައި ކުޅުނު ދެ މެޗަށް ނެގި ސްކޮޑުގައި މެސީ އާއި ނޭމާ ހިމަނާފައެއް ނުވެއެވެ. އެ ދެ މެޗުން ވެސް ޕީއެސްޖީ ވަނީ މޮޅުވެފައެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން މެސީ ކުޅުވުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.
ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ޕީއެސްޖީ 9 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ނީސް އެވެ.
ޕީއެސްޖީ އާއި ރެއިމްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 23:45 ގަ އެވެ.