Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އިސްލާމް ކިޔަވައިދޭން ބޭރު ޓީޗަރުން ގެންނަނީ ނުރައްކާތެރި އެޖެންޑާއެއް ފަތުރަން: ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު-

އިސްލާމް މާއްދާ ކިޔަވައިދޭން ބޭރުގެ ޓީޗަރުން ގެންނަނީ ނުރައްކާތެރި އެޖެންޑާއެއް ފެތުރުމަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ، އިސްލާމް މާއްދާ ކިޔަވައި ދިނުމަށް ބޭރުގެ ޓީޗަރުން ގެނައުމާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ގިނަ ސުވާލުތަކެއް ކޮށްފައެވެ. 

އެގޮތުން ޖަމީލް ވިދާޅުވެފައިވަނީ ޒަމާނީ ވުމަކީ ހުރިހާ ކަމެއް ބަދަލުކުރުން ނޫންކަމަށެވެ.

ޖަމީލް ވަނީ އިސްލާމް ފޮތް ބަދަލުކޮށް ބޭރު މީހުން ގެންނަންޖެހުނީ ކޮންކަމެއް ބަދަލުވެގެންތޯ އާއި ޕާޓީގެ ކޮންމެ ވިސްނުމަކީ ރައްޔިތުން ބޭނުން ގޮތްކަން އެނގެނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި އުޅެނީ ނުރައްކާތެރި އެޖެންޑާއެއް ފެތުރުމަށްކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

އިސްލާމް ކިޔަވައިދިނުމަށް ކޮންމެވެސް ވަރަކަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ "މޭ 6" ކޮމިޓީން ރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ހަރުކަށި ފިކުރާއި ގުޅޭގޮތުން ވާހަކަތަކެއް ދެކެވިފައިވާ ކަމަށެވެ.

އެގޮތުން އެ ބައްދަލުވުމުގައި ހަރުކަށި ފިކުރުގެ ފަރާތްތަކުން ސްކޫލް ކުދިންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަން އެ މިނިސްޓްރީން ހާމަކުރި ކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި ހަރުކަށި ފިކުރަށް ހެއްލޭ ބައެއް ކުދިން ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުދިންނަށް އަމާޒުކޮށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް މިނިސްޓަރާއި ހަވާލާދީ އަފީފް ވިދާޅުވިއެވެ.

އަދި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން ޓާގެޓް ކުރަނީ ނިކަމެތި ކުދިންނަށް ކަމަށާއި މިފަދަ ކަންކަން ހުއްޓުވުމަށް ޓީޗަރުން ވެސް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ. އޭގެއިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން ސޯޝަލް ސްޓަޑީސް ކަރިކިއުލަމް ރިވައިސް ކުރަމުންދާ ކަމަށްވެސް މިނިސްޓަރާއި ހަވާލާދީ އަފީފް ވިދާޅުވިއެވެ.

"އަދި އެއާއެކު، މިނިސްޓްރީން އެބަވިސްނާ ވަޑައިގަންނަވާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ވެސް ގެނެސްގެން ކުދިންނަށް އުނގަންނައިދިނުމަށް" އަފީފް ވިދާޅުވިއެވެ.

މިވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.