ޓޫރިޒަމް މިނިސްޓްރީއަށް "ގޮތް ނޭންގޭ ޕެކޭޖެއް" ލިބިފައި އޮތުމުން ވެލާނާގޭގައި ހަރަކާތްތެރިވުމަށް ފަހު އެމްއެންޑީއެފުން އެ ސަރަަހއްދު ދޫކޮށް ގޮސްފިއެވެ.
ވެލާނާގޭގައި ހިންގާ ޓޫރިޒަމް މިނިސްޓްރީގެ އޮފީހުން މުވައްޒަފުން ނެރެ ހުސްކޮށް ސިފައިން ހަރަކާތްތެރިވާން ފަށާފައިވަނީ "ގޮތް ނޭންގޭ ޕެކޭޖެއް" އެ މިނިސްޓްރީގައި އޮތުމުންނެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ ވެލާނާ ބިލްޑިންގައި ހުންނަ ޓޫރިޒަމް މިނިސްޓްރީތެރެއިން ގޮތް ނޭންގޭ އެއްޗެއް ފެނިގެން ރިޕޯޓް ކުރުމުން ބޮމް ސްކޮޑުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ސިފައިން ވެލާނާގެއިން ގޮސްފައިވާއިރު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ވަނީ އަލުން އޮފީހަށް ވަނުމުގެ ހުއްދަ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީން ފެނުނު އެއްޗަކާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއްނުވެއެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ މިފަދަ ކަންކަމުގައި ސިފައިން އިތުރަށް ހަރަކާތްތެރިވަމުން އަންނައިރު، އޮފީސް ތަކުން ގޮތް ނޭންގޭ ތަކެއްޗާއި ހަވާލު ނުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްވެސް ކޮށްފައެވެ.
