Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

އޭއީއެޗް ސަރަހައްދުގެ ބިން ކައުންސިލަށް ނުނެގޭނެ: ކޯޓު ހުކުމް

އައްޑޫ އިކުއިޓިއަލް ހޮސްޕިޓަލު ސަރަހައްދުން ގޯތި ނެގުމަށް އައްޑޫ ކައުންސިލުން ކުރި އިއްލާން ބާޠިލް ކަމަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފިއެވެ.

އޭއީއެޗް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތައް އައްޑޫ ސިޓީ ކައުންސިލުން ނެގުމާއި ގުޅިގެން އެ ގޯތިތަކުގެ ވެރިން ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި ވަނީ އާއްމު މަންފާއަށްކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން އާއްމުންގެ ބިންތައް ނަގަން ނިންމި އިރު އާއްމު މަންފާއަކީ ކޮބާކަން ސާފުކޮށް ނުދެވޭކަމަށެވެ. އަދި އެ ސަރަހައްދުގައި އާއްމު މަންފާއަށް ކުރާކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެކަމަށާއި، ރައްޔިތުންގެ ބިން ނެގޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހުށަހަޅައި ކޯޓު މެދުވެރިކޮށްކަމަށް ހުކުމުގައިވެއެވެ.

އައްޑޫ ކައުންސިލުން ބިން ނެގުމަށް ކޮށްފައިވާ އިއްލާނުގައި ބިންތައް ދައުލަތަށް ނެގުން ޟަރޫރީވާ އާއްމު މަންފާއަކީ ކޮބައިކަން މުޠުލަޤު ގޮތެއްގައި ތިލަކޮށް ބަޔާންވެފައި ނުވާކަމަށާއި، ދައުލަތަށް ބެގޭ ބިން ބޭނުންކުރެވޭނެ ބޭނުން ބަޔާންވެފައި ނެތްކަން ކޯޓުގެ ހުކުމުގައިވެއެވެ.

ހިތަދޫ ކޯޓުން މިގޮތަށް ނިންމި އިރު މި މައްސަލާގައި އިތުރު 7 މީހަކު ކޯޓުގައި ކުރި ދައުވާ އާއި ގުޅިގެން މީގެ ކުރިން ހިތަދޫ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ގޯތި ނެގުމަށް ކައުންސިލު ނިންމި ނިންމުން ގާނޫނާއި ހިލާފު ނޫންކަމަށެވެ. މިއަދުގެ ހުކުމުގައި ވަނީ އެ ނިންމުމާއި ގުޅިގެން ގޯތި ނަގަން ކައުންސިލުން ކުރި އިއްލާން ބާޠިލް ކަމަށް ކަނޑައަޅާފައެވެ.